ދިވެހި ރައްޔިތުންނާއި ސަރުކާރު އަބަދުވެސް ދެމިތިބޭނީ ފަލަޞްޠީނުގެ އަޚުންނާއި އުޚުތުންނާއެކު: ރައީސް
15 ނޮވެމްބަރު 2025 - 05:10

ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރުން އަބަދުވެސް ދެމިތިބޭނީ ފަލަޞްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނާއެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފަލަސްޠީންގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފަލަސްޠީންގެ މިނިވަން ދުވަހުގެ މުނާސަބާގައި ޙިއްސާކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފަލަސްޠީންގެ ދައުލަތަށް ފުރިހަމަ މިނިވަންކަމާއި ސިޔާދަތީ ބާރު ލިބިދިނުމަށް ރާއްޖެއިން އަބަދުވެސް ވަކަލާތުކުރާނެ ކަމަށެވެ. އަދި ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އަބަދުވެސް ދެމިތިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިގެން ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ކުޑަވެސް ފަސް ޖެހުމެއް އޮވެގެން ނުވާނެކަމަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލާ ކަމަށެވެ.
ރައީސް ވިދާޅުވީ ފަލަސްޠީންގެ ރައީސް ޑރ. މަޙްމޫދު ޢައްބާސަށާއި ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާއަށާއި ރައްޔިތުންނަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި ފަލަސްޠީންގެ މުސްލިމް އަޚުންނާއި އުޚްތުންނާއި ސާބިތުކަން ދެއްވުން އެދި ރައީސް ދުޢާ ދެންނެވިއެވެ.

Ad by Hajj Corporation
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ހުކުރު ދުވަހުގެރޭ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ބޭއްވި ބިޔަ ބޮޑު ޖަލްސާގައި ވެސް ރައީސް ވަނީ ފަލަޞްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ރާއްޖެއިން ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން، އިސްރާޢީލް ނޫން ކޮންމެ ޤައުމަކާއެކު ވެސް ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމްކުރާނެކަމަށް އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ފަަލަސްޠީނުގެ މިނިވަން ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު އެ ޤައުމުގެ މިނިވަންކަން އިޢުލާންކުރި ދުވަހާ ގުޅުވައިގެންނެވެ. އެހެންނަމަވެސް އެ ދުވަހިން ފެށިގެން ވެސް ހަގީގީ މާނައިގައި ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަންކަން ލިބިފައެއް ނުވެއެވެ. މިއަދާ ޖެހެންދެން ވެސް ޔަހޫދީ ނިރުބަވެރި ޖަމާއަތެއްކަމަށްވާ އިސްރާއީީލުން ގެންދަނީ ކެނޑިނޭޅި ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރިވަމުންނެވެ.


