މި ސަރުކާރުން ޝަރުޢީ ދާއިރާއަށް ހަގީގީ މިނިވަންކަން ހޯދައިދިނީ އަދުލުވެރިވާނެކަމުގެ އުއްމީދުގައި: ރައީސް
15 ނޮވެމްބަރު 2025 - 10:50

މި ސަރުކާރުން ޝަރުޢީ ދާއިރާއަށް ހަގީގީ ސިފައެއްގައި މިނިވަންކަން ހޯދައިދިނީ، އަދުލުވެރި ޝަރީއަތްތަކެއް ހިންގައިދޭނެކަމުގެ އުއްމީދުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ދިވެހީންގެ ރާއްޖެ" ނަމުގައި ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, މި ސަރުކާރުން ވާނީ ހަގީގީ މާނައިގައި ޝަރުއީ ދާއިރާ މިނިވަން ކޮށްދީފައި ކަމަށާއި، މިސަރުކާރުން ނުފޫޒުފޯރުވާ ކަމަށް ބުނަން ކެރޭނެ އެއްވެސް ފަނޑިޔާރެއް ނުހުންނާނެ ކަމަށެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ އަންނަ އަހަރަށް މި ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުންވެސް މިކަން ފެންނަން އޮންނާނެ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާއަށް ވަކި އެކައުންޓެއް ހުޅުވައިގެން އެ ދާއިރާ ހިންގަން ބޭނުންވާނެ ހުރިހާ ފައިސާއެއް ސީދާ އެ އެކައުންޓަށް ޖަމާވާނެ ގޮތް ހައްދަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އަންނަ އަހަރު ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓަކީ މިހާތަނަށް އެ ދާއިރާއަށް ކަނޑައެޅުނު އެންމެ ބޮޑު ބަޖެޓު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު ދެންނެވިން ހަގީގީ މާނައިގައި ޝަރުއީ ދާއިރާ މިނިވަންކޮށްދޭނަމޭ. މިއަންނަ އަހަރަށް ހުށަހެޅިފަ އޮތް ބަޖެޓު ބައްލަވާ. އެ ބަޖެޓުގަ އެވަނީ ހަގީގީ މާނައިގައި ޝަރުއީ ދާއިރާ ހިންގުން މިނިވަންކޮށްދީފަ. ވަކި ބަޖެޓެއް ހަދައިދީ، އެމްއެމްއޭގަ ޝަރުއީ ދާއިރާއަށް ވަކި އެކައުންޓެއް ހުޅުވަދީ، އެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްދީ، އެގޮތަށް ގެންދަން އެއޮތީ ނިންމަދީފަ. އަދި އޭގެ އިތުރަށް މިއަދާ ހަމައަށް އައި އިރުގަ އެއްވެސް އަހަރަކު ނުދޭހާ ބޮޑު ބަޖެޓެއް ޝަރުއީ ދާއިރާ އަށް އެއޮތީ ހަމަޖައްސައިދީފަ.
މިކަމުގެ ސަބަބުން، ޝަރުއީ ދާއިރާ ހިންގުމަށްޓަކައި ނިންމަންޖެހޭ ހުރިހާ ނިންމުންތަކެއް މިނިވަންވީ ކަމަށާއި މީގެ ފަހުން ޝަރުއީ ދާއިރާއިން ކުރަންޖެހޭ އެއްވެސް ހަރަދެއް ކުރުމަށް އެހެން ފަރާތަކަށް ބަރޯސާވާން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރަށް، ޝަރުއީ ދާއިރާއަށް މީގެކުރިން ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޖާގައިގެ ދަތިކަމަށްވެސް ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓު ހިންގަމުންދިޔަ އިމާރާތްތަކުގައި އެކަން ނުކުރެވި، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައި ވަނިކޮށް ހުޅުމާލޭން ޖާގައެއް ހަމަޖައްސަވައިދެއްވާ، އާ އިމާރާތަކަށް ދެ ކޯޓުވެސް ބަދަލުކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ދެއްވާ ރައީސް ވިދާޅުވީ، މިއަދާ ހަމައަށް އައި އިރުވެސް މިކަމަށް އިންކާރުކުރެވޭނެ ފަނޑިޔާރެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް އަދުލުވެރިކަމާއެކު ޝަރުއީ ދާއިރާ ހިންގައިދެއްވުމަކީ އެބޭފުޅުން ކޮށްދެއްވަން ޖެހޭނެކަމެއް ކަމަށާއި އެއީ އެބޭފުޅުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެއްވެސް ޑްރަގު ގުރޫޕަކުން ވިޔަސް، ގޭންގަކުން ވިޔަސް އަދި ސިޔާސީ މީހެއްގެ ފަރާތުންވިޔަސް އެއްވެސް ފަނޑިޔާރަކު ރިޝްވަތެއްގައި ހިފައިގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެއްވެސް ފަނޑިޔާރެއް ނުހުންނާނެ މިއަދާ ހަމައަށް އައި އިރުވެސް ތެވުވެވަޑައިގެން ވިދާޅުވާނެ ފަނޑިޔާރެއް، މިސަރުކާރުން ނުފޫޒު ފޯރުވިއެކޭ. ނުހުންނާނެ އެހެން ވިދާޅުވެވޭނެ ފަނޑިޔާރެއް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެކަމު އެބޭފުޅުންވެސް ކޮށްދެއްވަން ވާނެ ކަމަކީ އަދުލުވެރިކަމާއެޚިގަ ޝަރުއީ ދާއިރާ ހިންގުން. އަދުލުވެރިވާން ޖެހޭނެ. އަދުލުވެރިކަމަކީ އެބޭފުޅުންނަށް އޮތް ލާޒިމެއް. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އަންގަވާފަ އޮތް ލާޒިމެއް އެއީ. އެއްވެސް ރިޝްވަތެއްގަ ޖެހިގެން ނުވާނެ. އެއީ ޑްރަގު ގުރޫޕަކުން ކަމުގަ ވިޔަސް، ގޭންގު ގުރޫޕަކުން ވިޔަސް، ނޫނީ ސިޔާސީ މީހަކު ކަމުގަ ވިޔަސް އެހެން މީހަކު ކުރާ ނުފޫޒަކުން ވެސް ވަކި ގޮތަކަށް ކޯޓުތެރޭގަ ކަމެއް ވެގެން ނުވާނެ. އިންސާފުން ކަންކަން ދާންޖެހޭނީ.
ރައީސް ވިދާޅުވީ މިސަރުކާރުން ޝަރުއީ ދާއިރާ މިނިވަންކޮށްދީފައިވަނީ އެއްވެސް ނުފޫޒެއް ނެތި އެދާއިރާ ހިންގުމަށް ކަމަށާއި އެކަން އެގޮތަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ.


