ޕާޓީއަކުން އަމިއްލައަށް ވަކިވި މިއީ ފުރަތަމަ ފަހަރު، އެނބުރި މިއައީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް: މަޙްލޫފް
15 ނޮވެމްބަރު 2025 - 09:34

އަމިއްލަފުޅަށް ސިޔާސީ ޕާޓީއަކުން ވަކިވި މިއީ ފުރަތަމަ ފަހަރުކަމަށާއި، އެނބުރި މި އައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށްކަމަށް ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މަޙްލޫފް މިހެން ވިދާޅުވެފައި މިވަނީ، ހުކުރު ދުވަހުގެރޭ ބޭއްވި ޕީއެންސީގެ ބިޔަ ބޮޑު ޖަލްސާގެ ތެރެއިން އޭނާ ޕީއެންސީއާ ގުޅިވަޑައިގަތުމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވައި ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ބައެއް ފަރާތްތަކުން ދަނީ މަޙްލޫފް އަމިއްލަ ފުޅަށް ސިޔާސީ ޕާޓީ ބަދަލުކުރެއްވި މިއީ ހަތަރު ވަނަ ފަހަރު ކަމަށް ބުނެ، އޭނާގެ ކާމިޔާބު ސިޔާސީ ކެރިއަރާއި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތް ކިލަނބުކޮށްލުމަށް މަސައްކަތް ކުރަމުންނެވެ.
މިކަމުގެ ހަގީގަތް ހާމަކޮށްދެއްވައި ކުރެއްވި ޕޯސްޓުގައި މަޙްލޫފް ވިދާޅުވީ، ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިމިވީ ފުރަތަމަފަހަރު ކަމަށާއި އެނބުރި މިދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށެވެ.
ބަދަލުވެފަ އޮތީ ހަމައެކަނި ޕާޓީގެނަން ކަމަށް ވެސް މަޙްލޫފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސިޔާސީ މަސައްކަތް ފެއްޓެވީ 2005 ވަނަ އަހަރު ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީއިން ކަމަށާއި އެ ޕާޓީތެރޭ ހިޔާލު ތަފާތުވެ ހަރުކަށި ފިޔަވަޅުއަޅާ ވަކިކުރި ހިސާބުން، ރައީސް މައުމޫނާއެކު ޕީޕީއެމް އުފެއްދި އެއް ފައުންޑަރަކީ އޭނާ ކަމަށެވެ.
ރައީސް ޔާމީން އާއެކު އުފެދުނު ހިޔާލުތަފާތުމުގެ ތެރެއިން 2014 ވަނަ އަހަރު އެ ޕާޓީން ވެސް އޭނާ ވަކިކުރީ ކަމަށާއި އިދިކޮޅު އިއްތިހާދާއެކު 4 އަހަރު މަސައްކަތްކުރުމަށްފަހު، 2018 ގައި އެމްޑީޕީއާ ގުޅުނުކަން މަޙްލޫފް ފާހަގަކުރެއްވިއެވެ.
އެމްޑީޕީގައި މަސައްކަތްކުރެއްވި މުއްދަތުގެ ތެރޭގައި އެ ޕާޓީގެ އާންމު މެމްބަރުންގެ ލޯތްބާއި އިޚްތިރާމް ވަރަށަށް ބޮޑަށް ލިބިވަޑައިގަތްކަން މަޙްލޫފް ފާހަގަކުރެއްވިއެވެ.
ޒާތީގޮތުން މަޙްލޫފްއާ ޖައްސާލައި، އޭނާ މަގާމަށް ވާދަކުރެއްވުން ހުއްޓުވަން ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާކަމަށާއި، ފަހުން އެމައްސަލަ ކޯޓަށް ވެއްދި ހިސާބުން ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށްލަން ފުރުސަތު ލިބުނުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީން އޭނާ ވަކިވުމުން ވަރަަށް އުފާވާނެ ބަޔަކު އެ ޕާޓީގެ މަތިފަޑީގައި ތިބޭނެކަން ކަށަވަރުކަމަށް ވިދާޅުވި ނަމަވެސް، އަދި އެ ވާހަކަތައް ދައްކަން ބޭނުންފުޅު ނުވާކަމަށް މަޙްލޫފް ވިދާޅުވިއެވެ.
2023 ގެ އިންތިހާބަށް ފަހު ސިޔާސީ ކަންކަމާ ވަރަށް ބޮޑަށް ދުރަށް ޖެހިވަޑައިގެންނެވިކަމަށާއި އެހެން އެކަންވީ އޭނާއާ މެދު ކަންކޮށްފައިވާގޮތުން، ފޫހިވެފަ ހުރިލެއް ބޮޑުކަމުން ކަމަށް މަޙްލޫފް ވިދާޅުވިއެވެ.
2006 އިން 2018 އަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރުކަމުގައި ހުންނެވިއިރު ފުރަތަމަ ދައުރުގައި ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވީ 51% އިން އަދި ދެވަނަ ދައުރަށް 67% އިން ކަން މަޙްލޫފް ފާހަގަކުރެއްވިއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގަ މަގާމެއް ހައްގުވާނަމަ އެންމެފުރަތަމަ ގުނާ އެކަކަށް ވާނެކަމަށް ވިދާޅުވެ މަޙްލޫފް އިތުރަށް ވިދާޅުވީ، ލިބިވަޑައިގެންނެވި މަގާމަކީ ތަބަކަށް ލާފަދިން މަގާމެއް ނޫން ކަމަށެވެ.
އެކިފަހަރު މަތިން ދައުވަތުދެއްވާ އަދި އެނބުރި އައުމުން ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ލީޑަރު ޑރ. މުޙައްމަދު މުއިއްޒު އާއި އެންމެހާ މެންބަރުން ކީ ހޫނު މަރުހަބާއަށް މަޙްލޫފް ވަނީ ޝުކުރު ދަންނަވާފައވެެ.
އޭނާގެ މަސައްކަތް ބަލައިގަނެ، އެކަމުގެ އަގުވަޒަންކޮށް ދައުވަތު ދިނީތީ އުފާކުރައްވާ ކަމަށާއި ރާއްޖޭގެ ތަރީހުގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމުގައި ސޮއިކޮށްލަން ލިބުމުން އިތުރު އުފަލެއް ލިބުނުކަމަށް މަޙްލޫފް ވިދާޅުވިއެވެ.
އޭނާގެ މި ނިންމުމާއެކު ހިތްހަމަ ނުޖެހުނު ފަރާތްތަކުގެ ކިބައިން މަޙްލޫފް މައާފަށް އެދިވަޑައިގެންނެވިއިރު، މަރުހަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް މަޙްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓްގެ މަގާމުގައި ހުންނެވި އަޙްމަދު މަޙްލޫފް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގަތީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މަޙްލޫފް އަކީ ރައީސް ޞާލިޙްގެ ވެރިކަމުގައި ރައްޔިތުންގެ ނުރުހުން އަމާޒުނުވާ މަދު ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ހާއްސަ ގޮތެއްގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކޮށް، ޒުވާން އެތުލީޓުން ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅަށް ގިނަބައެއްގެ ތައުރީފު މަޙްލޫފަށް ލިބިވަޑައިގެންނެވިއެވެ.


