ޕްލާސްޓިކް ކުދި ފެންފުޅި އެތެރެކުރުން މަނާވާނީ 2030 ވަނަ އަހަރުގެ ޖޫން މަހު
19 ސެޕްޓެމްބަރު 2026 - 10:56

އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށް ރާއްޖެ އެތެރެކުރުމާއި އުފެއްދުން އަދި ވިއްކުން މަނާކުރާ ތާރީޚު ފަސްކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބަދަލު ގެންނެވީ މިއަދު ނެރުއްވި ޚާއްޞަ ޤަރާރަކުންނެވެ. ކުރިން ހަމަޖެހިފައި އޮތްގޮތުން ނަމަ، އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅިތަކުގައި ފެން ބަންދުކޮށް އެތެރެކުރުން މަނާވާނީ އަންނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ރައީސް ގެންނެވި މި އިސްލާޙާއެކު، އެ ތާރީޚު މިހާރު ވަނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހަށް ފަސްކުރެވިފައެވެ.

Ad by Hajj Corporation
މި ޤަރާރަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ގެނެވުނު ބަދަލެކެވެ. މިއީ ރާއްޖޭގެ ވިޔަފާރިތަކަށާއި ބާޒާރަށް އަންނާނެ ބޮޑު ބަދަލަކަށްވުމާ އެކު ތަންފީޒުކުރާ މުއްދަތަށް މިވަނީ ލުއިތަކެއް ދީފައެވެ.
މި ޤަރާރާއެކު ފެންފުޅީގެ މުއްދަތު ފަސްކުރި ނަމަވެސް، އެހެނިހެން ބުއިންތަކާ ގުޅޭގޮތުން އާ މަނާކުރުންތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ފެން ފިޔަވައި އެހެނިހެން ތައްޔާރީ ބުއިންތައް މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން އަދި ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ.
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ގެނައި މި އިސްލާޙުތައް ހިމެނޭ ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ރަސްމީކޮށް ޝާއިޢުކުރައްވާފައެވެ. މި ބަދަލާއެކު ކަމާބެހޭ ފަރާތްތަކުން ޢަމަލުކުރަމުންދާނީ މި އާ ޤަރާރާ އެއްގޮތްވާގޮތުގެ މަތިންނެވެ.


