އަތޮޅު ކައުންސިލް އުވާލައި، ކައުންސިލަރުންގެ އަދަދު މަދުކުރަން އިސްލާހުތަކެއް
16 ނޮވެމްބަރު 2025 - 04:53

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލައި، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއާއި ގުޅުންހުރި ޤާނޫނުތަކަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނުއަސާސީގެ 230ވަނަ މާއްދާއިން އަތޮޅު ކައުންސިލް އުފެއްދުމާ ގުޅޭ ބައި ވަނީ އުނިކޮށްފައެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ އިސްލާހުގެ ދަށުންވެސް އެ ޤާނޫނުގައި އެކި މާއްދާތަކުގައި އަތޮޅު ކައުންސިލްތަކާ ގުޅޭގޮތުން މިހާރު ހުރި ބައިތައް އުނިކުތުމަށް ވަނީ ހުށަހަޅުއްވާފައެވެ.
އެންމެ ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށެވެ. އެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އިސްލާހުގެ ދަށުން 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 3 ކައުންސިލަރުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލަށް އައްޔަން ކުރާނީ 5 ކައުންސިލަރުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މިހާރު ޤާނޫނުގައިވާގޮތުން ކޮންމެ ރަށު ކައުންސިލެއްގައިވެސް 5 މެންބަރުން ތިއްބަވާނެއެވެ.

Ad by Hajj Corporation
ލާމަރުކަޒީ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގައި 3 ކައުންސިލަރުން އިންތިޚާބު ކުރާ ރަށު ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި 5 ކައުންސިލަރުން އިންތިޚާބުކުރާ ކައުންސިލްތަކުގައި މިހާރުވެސް އަމަލުކުރާގޮތަށް 2 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެއެވެ.
މި ޤާނޫނަށް ގެންނަ އިސްލާހުގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ އަދަދާއި އެ ކޮމިޓީގެ ރައީސް އިންތިޚާބުކުރާގޮތަށް ބަދަލު ގެނައުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ކޮމިޓީ މެންބަރުން ތިބެންވާނީ ކައުންސިލަރުންގެ އަދަދަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އިސްލާހުގައި ވާގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ކައުންސިލް ރައީސުން އިންތިޚާބުކުރާގޮތަށް ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އަދި އެ މަޤާމަކީ ފުލްޓައިމް މަގާމެއް ކަމަށްވެސް ޤާނޫނަށް ހުށަަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މި އިސްލާހުތަށް ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބަދަލު ގެނައުމަށް އިސްލާހުތައް ހުށަހަޅުއްވާފައިވާއިރު މިހާރު ހިނގަމުންދާ ކައުންސިލް އަދި އަންހެނުންގެ ކޮމިޓީގެ ދައުރު އަންނަ އަހަރަށް ހަމަވާނެއެވެ. އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.


