ސިނގިރޭޓު ކޮންޓެއިނަރު ވަގަށްނެގުން: ބިދޭސީއަކު ހައްޔަރުކޮށްފި
16 ނޮވެމްބަރު 2025 - 04:58

އޭޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މެންދުރު ޓީވީއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަން ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ މުޙައްމަދު އަލަމިން މިއާ ކަމަށެވެ.

Ad by Hajj Corporation
އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށް އޮފިސަރު ވިދާޅުވިއެވެ.
ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު 09 ވަނަ ދުވަހު އެވެ.
މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމުލަ 10 މީހަކު ހައްޔަރުކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންދާއިރު، ދެ މީހަކު ކުށަށް އިއުތިރާފްވެފައިވާކަމަށް މެންދުރު ޓީވީއަށް މައުލޫމާތު ލިބިފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ކުށަށް އިއުތިރާފް ވެފައި ވަނީ އެމްޕީއެލްގެ ދެ މުވައްޒަފެކެވެ. ނަމަވެސް، މިކަމާ ގުޅޭ ރަސްމީ މަސްދަރަކުން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާންދިން ގުރޫޕުގެ ނަމުގައި އެތެރެކުރި ވަގު ސިނގިރޭޓްތަކުގެ މައްސަލައާ ގުޅިގެން މިހާރު ތަހުގީގު ކުރިއަށްދާއިރު، އެމްޕީއެލްގެ ޖުމްލަ ހަ މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ރާއްޖެއިން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.


