ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އާއި ކުރީގެ ހޯމް މިނިސްޓަރުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި
17 ނޮވެމްބަރު 2025 - 09:45

ދާކާ، ބަންގްލަދޭޝް – ބަންގްލަދޭޝްގެ ބައިނަލްއަޤްވާމީ ކުށްތަކާބެހޭ ޓްރައިބިއުނަލްއިން، ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް އިންސާނިއްޔަތާ ދެކޮޅަށް ކުށްތައް ކުރިކަމުގެ ދަޢުވާއާ ގުޅިގެން މަރުގެ ޙުކުމް އިއްވައިފިއެވެ.
މި ޙުކުމް އައީ މިދިޔަ އަހަރު ދަރިވަރުން އިސްނަގައިގެން ކުރި އިހުތިޖާޖުތަކުގައި ބައިވެރިވި ފަރާތްތަކާ ދެކޮޅަށް މާރާމާރީ ހިންގުމަށް އަމުރުކުރިކަމަށް ކަނޑައެޅުމަށްފަހު، މަސްތަކެއް ދިގުލި ޝަރީޢަތެއް ނިންމާލުމަށްފަހުގައެވެ.

Ad by Hajj Corporation
ޖަސްޓިސް މުޙައްމަދު ޣުލާމް މުރްތަޟާ މަޖުމްދަރުގެ އިސްނެންގެވުމުގެ ދަށުން ހިންގުނު ތިން މެންބަރުންގެ ޓްރައިބިއުނަލްއިން ހަސީނާ ތިން ބާވަތެއްގެ ކުށަށް ކުށްވެރިވާކަމަށް ކަނޑައަޅާފައިވެއެވެ.
މި މާރާމާރީތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެ، އޭނާގެ އަވާމީ ލީގު ސަރުކާރު ވެއްޓުނެވެ. ކޯޓުން ބުނެފައިވަނީ ތިން މީހުން ގުޅިގެން މުޒާހަރާކުރި ފަރާތްތައް މެރުމަށް އަނިޔާވެރި ޢަމަލުތައް ހިންގާފައިވާ ކަމަށެވެ.
ހަސީނާގެ އިތުރުން އޭނާގެ ދެ އެހީތެރިންގެ މައްޗަށްވެސް ވަނީ ޙުކުމް އިއްވާފައެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލްއަށްވެސް އިންސާނިއްޔަތާ ދެކޮޅު ކުށްތަކަށް މަރުގެ ޙުކުމް އިއްވާފައިވެއެވެ. ނަމަވެސް ކުރީގެ ފުލުހުންގެ އިސްވެރިޔާ ޗައުދުރީ ޢަބްދުﷲ އަލް-މައުމޫންއަށް އިއްވާފައިވަނީ 5 އަހަރުގެ ޖަލު ޙުކުމެކެވެ. ކޯޓުން ބުނެފައިވަނީ މައުމޫންއަށް ލުއި ޙުކުމެއް ދެވުނީ ޝަރީޢަތަށް އޭނާ ކޮށްދިން އެހީތެރިކަމަށް ރިޢާޔަތްކޮށް، ހެކި ހުށަހެޅުމުގައި ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
ޝަރީޢަތުގެ މަރުޙަލާގައި ހަސީނާ އާއި ކަމާލަކީ ފިލާފައިވާ ފަރާތްތަކެއްކަމަށް ކަނޑައަޅައި، އެމީހުން ނެތް ޙާލަތުގައި ޝަރީޢަތް ކުރެވުނެވެ. މައުމޫން ފުރަތަމަ ޝަރީޢަތަށް ހާޒިރުވި ނަމަވެސް، ފަހުން ޓްރައިބިއުނަލްއަށް ރަނގަޅު ނިންމުމަކަށް ވާސިލުވުމަށް ބޭނުންވާ މާއްދީ ހެކިތައް ހުށަހަޅައި، ހެކިބަސްދޭ ފަރާތަކަށް ވެފައިވެއެވެ.
މި މައްސަލައިގައި ޝަރީޢަތް ފެށުނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ދަރިވަރުން އިސްނަގައިގެން ފެށި އިހުތިޖާޖުތަކުގައި ސަރުކާރުގެ ފަރާތުން ހިންގި މާރާމާރީތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވެއެވެ. ޓްރައިބިއުނަލްއިން ހުށަހެޅުނު ހެކިތަކަށް ބަލާއިރު، ހަސީނާ އަދި އޭނާގެ އެހީތެރިން މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ހިންގި ޢަމަލުތަކަކީ ރޭވިގެން ހިންގި ޢަމަލުތަކެއްކަމަށް ކަނޑައަޅައިފައިވެއެވެ.
ލައިވް ފުޓޭޖުން ދައްކާގޮތުން ހަސީނާއަށް މަރުގެ ޙުކުމް އިއްވުމުން ކޯޓުގައި ތިބި މީހުން އުފަލުން ހަޅޭލަވައި އަތްތިލަބަޑިޖަހާފައިވެއެވެ.
މި ޙުކުމަކީ ބަންގްލަދޭޝްގެ ސިޔާސީ މަސްރަޙަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ނިންމުމެއްކަމަށް ބެލެވެއެވެ.


