ރައީސްގެ ވިސްނުންފުޅަކީ އެކި ދާއިރާތަކުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުން: ނައިބު ރައީސް
17 ނޮވެމްބަރު 2025 - 11:17

ރައީސުލްޖުމްހޫރިއްޔާގެ އަމާޒާއި ވިސްނުންފުޅު އަބަދުވެސް ގެންގުޅުއްވަނީ އެކި ދާއިރާތަކުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ޕަބްލިކް ސަރވިސް މީޑިޔާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

Ad by Hajj Corporation
ވޭތުވެދިޔަ ދެއަހަރު ކުރިއަށް ގެންދަވާފައިވާ މަސައްކަތްތަކާއި ލިބިވަޑައިގެންފައިވާ ކާމިޔާބީތަށް ފާހަގަ ކުރައްވާ ނައިބު ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރާއި ދައުލަތް ހިންގެވުމާއި ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތާއި ގައުމުގެ ހާލަތު އޮތް ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ވެރިކަމުގެ ފުރަތަމަ ދެތިން މަހުގެ ތެރޭގައި، އޭރު އޮތް ރައްޔިތުން މަޖިލިހުގެ މެޖޯރިޓީ އޮތީ އިދިކޮޅަށް ކަމަށްވުމުން، ސަރުކާރުން ހިންގަން ބޭނުންވި ތަރައްޤީގެ ގިނަ މަޝްރޫޢުތަކަށް މާލީ ދަތިކުރުންތައް ކުރިމަތިކުރުވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، ޤާނޫނީ ގޮތުން އިންތިޚާބުވެފައިވާ ސަރުކާރެއް މަޖިލިހުގެ ތެރެއިން ވައްޓާލުމަށްވެސް މަސައްކަތްކުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ގޮންޖެހުންތަކާއި ކުރިމަތިލައްވައި، ދައުލަތް ހިންގުމަށް އޮތް ހިރާސްތައް ގިރާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކުރެއްވި ދުރުވިސްނުންފުޅު ފާހަގަކުރައްވައި، ނައިބު ރައިސް ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ޤައުމީ ތަރަައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގޭނޭ ތިން އަހަރުކަމަށެވެ.
ސަރުކާރާއި ދައުލަތް ހިންގުމުގަައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އެމަނިކުފާނު އަތޮޅުތަކުގެ ތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް ހުއްޓަވާނުލައްވައި މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
ސަރުކާރަށް ރައްޔިތުން މިހާތަނަށް ދެއްވާފައިވާ ތާއީދާ، ކުރައްވާ އިތުބާރު، ރައީސުލްޖުމްހޫރިއްޔާ ދަމަހައްޓަވަމުން ގެންދަވާނޭކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވިއެވެ.
އަދި، ޤައުމުގައި ހުރި މުހިންމު ކަންކަމަށް ހައްލު ހޯއްދަވައިދެއްވައި، އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވައި، އާމްދަނީ އިތުރުކޮށް، އިޤުތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުން ކަށަވަރުކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.


