ނިއުގެ އަންހެން ޓީމުގެ ހެޑް ކޯޗަކަށް ދިވެހި ފުޓުބޯޅަ ލެޖެންޑް އަނިލް
17 ނޮވެމްބަރު 2025 - 15:15

ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ކުލަބުގެ ގޮތުގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އަންހެން ޓީމުގެ ހެޑް ކޯޗަކަށް ދިވެހި ފުޓުބޯޅައިގެ ލެޖެންޑް، އިސްމާޢީލް އަނިލް އައްޔަންކޮށްފިއެވެ.
މިކަން ހާމަކޮށް ނިއުއިން އެކުލަބުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރިއަށް އޮތް ވިމެންސް ލީގަށް އެ ކުލަބުގެ ކޯޗަކަށް އަނިލް އައްޔަންކޮށްފައިވާ ކަމަށާއި މިއީ ޓީމުގެ މެނޭޖްމަންޓާއި ސަޕޯޓަރުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

Ad by Hajj Corporation
އަދި އަނިލްގެ ތަޖުރިބާގެ އަލީގައި ނިއުއިން ކުރިއަށް އޮތް ސީޒަނުގައި ރަނގަޅު ކާމިޔާބީއަކާ ހަމައަށް ވާސިލްވެވޭނެކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ކުރިއަށް އޮތް ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯލް މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވަމުން އަންނަ ޓީމަކީ ނިއުރޭޑިއަންޓުކަން ފާހަގަކޮށްލެވެއެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ، އެފްއޭގެ ފުޓުބޯޅަ ކަލަންޑަރުގައި ހިމެނޭ ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ޑިސެމްބަރު އެއްވަނަ ދުވަހު ފަށާނެ ކަމަށެވެ.
މި މުބާރާތަށް ނިއުއިން ފަރިތަކުރުންތައް ފަށާފައިވާއިރު، ގައުމީ ސްކޮޑުގައި މިހާރު ހިމެނޭ ކުޅުންތެރިންނާއި ކުރީގެ ބައެއް ކުޅުންތެރިންވެސް ނިއުއިން އެކުލަވާލާފައިވާ ސްކޮޑުގައި ހިމެނެއެވެ.
އެގޮތުން، ގައުމީ ސްކޮޑުގައި މިހާރު ވެސް ހިމެނޭ އެ ޓީމުގެ ކެޕްޓަން ހަނީފާ އާއި، މައިޝާ، ނޫރާ އަދި ފަޒްލާ ވެސް ނިއުގެ ސްކޮޑުގައި ހިމެނެއެވެ. މީގެއިތުރުން ގައުމީ އަންހެން ޓީމުގެ ކުރީގެ ކެޕްޓަން ފަދުވާއާއި މިރުފަތުގެ އިތުރުން ޝިމިނީ ވެސް ނިއުގެ ސްކޮޑުން ފެންނާނެއެވެ.
މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ 11 އަސައިޑް މުބާރާތެއްގެ ގޮތުގައި ކަމަށާއި،ކުޅުންތެރިން ރަޖިސްޓްރީ ކުރާއިރު ކޮންމެ ޓީމެއްގައިވެސް ރަޖިސްޓްރީ ކުރާ ކުޅުންތެރިންގެ ތެރޭގައި އަންހެން ޤައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭނަމަ،ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ އެންމެފަހުން އެކުލަވާލާފައިވާ އަންހެން ޤައުމީ ޓީމުގެ ސްކޮޑްގެ ހަތަރު ކުޅުންތެރިން ކަމަަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރާއްޖޭގެ އެންމެ ގިނަ ސަޕޯޓަރުން އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހަމައެކަނި ކުރިއަށް ގެންދަނީ ފިރިހެނުންގެ ފުޓުބޯޅައިގެ ހަރަކާތްތައް އެކަންޏެއް ނޫނެވެ. މީގެކުރިން ބާއްވާފައިވާ އެކިއެކި މުބާރާތްތަކުގައި ނިއުގެ އަންހެން ފުޓުބޯޅަ ޓީމުން ވެސް ބައިވެރިވެފައިވާއިރު، އެހެނިހެން ކުޅިވަރުތަކުގައި ވެސް ވާދަކޮށް، ރަން ވަނަތަކެއް ހޯދާފައިވެއެވެ.


