މިސަރުކާރުގެ އެންމެ އިސް ސިޔާސަތީ އިސްލާމްދީން، މީހުންއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަކީ ފަޚްރެއް: ރައީސް
17 ނޮވެމްބަރު 2025 - 19:10

މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ އިސްލާމްދީން ކަމަށާއި، ދިވެހިން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރުމަކީ މިސަރުކާރުގެ ފަޚުރެއް ކަމުގައi ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ވާހަކަދައްކަނީ ނަތީޖާއިން ކަމަށާއި، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި، އޭގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދިނުމަށް އެންމެ އިސްކަން ދެއްވާ ކަމަށެވެ.

Ad by Hajj Corporation
މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ އަދި ހުރިހާ ސިޔާސަތެއްގެ ވެސް މައިގަނޑަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ކޮންމެ ކަމެއްގެ ވެސް ބިންގަލަކީ އިސްލާމްދީން ކަމުގައެވެ.
"އަޅުގަނޑުގެ މައްސޫލިއްޔަތަކީ، ޒިންމާއަކީ މިގޮތަށް މިކަންކުރުން. ފަޚުރުވެރި އިސްލާމީ ހަޟާރަތެއް ޤާއިމުކުރުމަކީ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން ވެސް ބޭނުންވާ ގޮތް. އެގޮތުގެ މަތީން މިއަދާއި ހަމައަށް އައިއިރު މަސައްކަތް ކުރަމުން މި އައީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ސިޓީތަކުގައި ވަގުފު އިމާރާތްތައް ކުރުމަށް ވެސް ހަވާލުކުރެވިފައިވާ ކަން ފާހަގަކުރައްވައި، މި މަސައްކަތްތައް ދޮޅު އަހަރެއްގެ ތެރޭގައި ނިންމާލެވޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މި ސަރުކާރުން ފަށާފައިވާ ބިޔަ އަދި މުހިންމު މަޝްރޫޢެއްގެ ގޮތުގައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ޤުރުއާނާ ބެހޭ މަރުކަޒެއްގެ ގޮތްޕެއް ޤާއިމުކުރުމުގެ ޕްރޮގްރާމް ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ޤުރުއާނަކީ މުސްލިމުން އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމަށާއި، ދިވެހިން ދިރިއުޅޭ ކޮންމެ ފަސްގަނޑެއްގައި ވެސް ކީރިތި ޤުރުއާނަށް އިސްކަންދޭނެ، ތިލާވަތު ކުރާނެ، ވަގުތު ހޭދަކުރާނެ ބިނާތަކެއް ޤާއިމުކުރުމަކީ އެމަނިކުފާނުގެ ފަޚުރެއް އަދި އުފަލެއް ކަމުގައެވެ.
ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕަށްޓަކައި ކޮންމެ ރަށެއްގައި ތިން އަހަރަށް ބަހާލައިގެން، އެރަށެއްގެ ކުޑަބޮޑު މިނަށް ބަލައިގެން އިމާރާތްތައް ޤާއިމުކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވަގުފު އިމާރާތްތައް ބިނާކުރަނީ އިސްލާމްދީނަށް ޚަރަދުކުރުމަށްޓަކައި، ޒުވާނުން ބިނާކުރުމަށްޓަކައި އަދި މުޖުތަމައު ބިނާކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓްތަކެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


