logo
Bank of Maldives

Bank of Maldives

ޚަބަރު

މިއީ 2020 ވަނަ އަހަރުން ފެށިގެން ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި އަހަރު ނިންމާލެވޭނެ ފުރަތަމަ ފަހަރު: ރައީސް

އާމިނަތު ޝަފާ
18 ނޮވެމްބަރު 2025 - 12:56
މިއީ 2020 ވަނަ އަހަރުން ފެށިގެން ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި އަހަރު ނިންމާލެވޭނެ ފުރަތަމަ ފަހަރު: ރައީސް

މިހިނގާ ބަޖެޓަކީ 2020 ވަނަ އަހަރަށްފަހު އެންމެ ކުޑަ ޑެފިސިޓް ބަޖެޓު ކަމަށާއި، މިއީ އެއަހަރުގެ ފަހުން ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި އަހަރު ނިންމާލެވޭނެ ފުރަތަމަ ފަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިސަރުކާރަށް ދެ އަހަރުފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" ނަމުގައި ހޯމަދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިއަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ ފާސްކޮށްފައިވާ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓަށް ވުރެ ކުޑަކޮށް ކަމަށާއި، މިއަހަރުގެ ފުރަތަމަ 40 ހަފުތާވެސް މިދިޔައީ އެއްވެސް ގޮތެއްގައި ބަޖެޓު ޑެފިސިޓް ނުވެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިސަރުކާރުގެ މާލީ ކާމިޔާބީތައް ތަފްޞީލުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2023 ނޮވެންބަރު 17 ގައި ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރާއި 2.4 މިލިއަން ރުފިޔާ ކަމުގައިވީ ނަމަވެސް، އޭގެ 2 އަހަރު ފަހުން، 2025 ނޮވެންބަރު 17 ގައި އެ ފަންޑުގައި 126 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ވިޔަފާރިތަކުން 584 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ގްރޮސް ރިޒަރވްގައި މިހާރު 866 މިލިއަން ޑޮލަރު ހުންނާނެ ކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި މާލީ ކުރިއެރުންތައް މިސަރުކާރުން ހޯއްދެވީ، ކުރީ ސަރުކާރުތަކުން ނުދައްކާ، ފުނި ޖައްސާފައި ހުރި ބިލުތަކަށް ޖުމުލަ 444.3 މިލިއަން ރުފިޔާ ދައްކަމުން، ފައިސާ ޗާޕު ނުކޮށް، ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިންނެވެ.

މުސާރައިގެ ކުރިއެރުންތަކާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަހަރު މުސާރަ ލިބޭއިރު ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ޖުމުލަކޮށް މުސާރަތައް ބޮޑުވާނެ ކަމަށެވެ. އަދި، ކަންބޮޑުވުންތަކާ ގުޅިގެން ނެޝަނަލް ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ މިހާރު ބައްދަލުކޮށްފައިވާނެ ކަމަށާއި، އެންމެ ބޮޑު ކަންބޮޑުވުންތައް ހުރި ހުރިހާ ދިމާލަކުން މައްސަލަ ހައްލުވެއްޖެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ކުރިން އެންމެ ކުޑަ އަސާސީ މުސާރަ ކަމުގައިވާ 3،100 ރުފިޔާ ދެ ގުނައަށް ވުރެވެސް ބޮޑަށް އިތުރުވެ، މިހާރު އެންމެ ކުޑަ އަސާސީ މުސާރައަކީ 7،530 ރުފިޔާ ކަމުގައި ވެގެން ގޮސްފައިވާ ކަމަށެވެ. އަދި ހަމައެއާއެކު، މިހާރު އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ އަސާސީ މުސާރަ 5،610 ރުފިޔާއިން 9،110 ރުފިޔާއަށް ބޮޑުވެ، މުސާރައިގެ ކުރިއެރުން 63 އިންސައްތައަށް އަރާ ކަމަށާއި، މުދިމެއްގެ އަސާސީ މުސާރަ 3،565 ރުފިޔާއިން 8،295 ރުފިޔާއަށް އިތުރުވެ 133 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިތުރު ގަޑީގެ ފައިސާއާ ބެހޭ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމީ ބަންދު ދުވަސްތަކާއި، ރަމަޟާން މަހުގެ ފަހު 10 އަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަންދުކުރާ ދުވަސްތައް "އޯވަރޓައިމް ކެޕް"ގެ ތެރެއިން މިހާރު އިސްތިސްނާކުރެވިފައިވާތީ މައިގަނޑު މައްސަލަ ހައްލުވެފައިވާ ކަމަށެވެ.

ޤާނޫނީ ބާރުވެރިކަމާއެކު ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީ ގެނެއުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 20 އަހަރުގެ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނާ ބެހޭ ގޮތުން މިހާތަނަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންނާއެކު މަޝްވަރާތައް ބާއްވައިފި ކަމަށާއި، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޕްލޭންގެ ފުރަތަމަ ޑްރާފްޓް ނިމޭނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ދެކަނބަލުން ފަލަސްޠީނުގެ 17 އަހަރުންދަށުގެ ފުޓްބޯޅަ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިޚަބަރު | 3 ގަޑިއިރު ކުރިންމިއީ 2020 ވަނަ އަހަރުން ފެށިގެން ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި އަހަރު ނިންމާލެވޭނެ ފުރަތަމަ ފަހަރު: ރައީސް ޚަބަރު | 6 ގަޑިއިރު ކުރިންދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން ހުރެގެން ނުވާނެ: ރައީސްޚަބަރު | 12 ގަޑިއިރު ކުރިންރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރާނެ: ރައީސްޚަބަރު | 12 ގަޑިއިރު ކުރިން