މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ ފަރާތުން ސިލްސިލާ ކުޅިވަރު މުބާރާތެއް އިފްތިތާހްކޮށްފި
19 ނޮވެމްބަރު 2025 - 04:22

'ހައިކޮމިޝަނާރސް ކަޕް' 15 ނޮވެމްބަރ 2025 ވީ ހޮނިހިރުދުވަހު މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި ދިވެހިރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރ، އަލްފާޟިލް މުހައްމަދު ތޮލާލް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖެގެ ކުޅިވަރުގެ ރޮނގުގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތައް ކަމުގައިވާ، އަލްފާޞިލް އަހުމަދު ލަތީފް (ސީވީޑް ލަތީފް)، ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން) އަދި އަލްފާޞިލް އިބްރާހިމް ތަސްލީމް ބައިވެރިވި އެވެ.

Ad by Hajj Corporation
'ހައިކޮމިޝަނާރސް ކަޕް' އިފްތިތާހު ކުރި ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ތޮލާލް ދިވެހި ކޮމިއުނިޓީ އާއި މުހާތަބުކޮށް ވާހަކަ ދެއްކެވިއެވެ. މި ވާހަކައިގައި ކުޅިވަރާއި އެއްބައިވަންތަކަމާއި ސަރުކާރުގެ ކުޅިވަރު ސިޔާސަތާއި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލެއްވިއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ޑރ މަރިއަމް ޝަބީނާ އަހްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގައި ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިސް ކަމެއް ދެއްވާކަމަށާއި، މިގޮތުން ސަރުކާރުން އިފްތިތާހް ކުރައްވާފައިވާ "ދުޅަހެޔޮ ޖީލެއް އެންމެން އެކުގައި - ހަށިހެޔޮ ރާއްޖެ" ޝީޔާރުގެ ދަށުން ދުޅަހެޔޮ ރާއްޖެ އެއް ބިނާ ކުރުމަށް މަސައްކަތް ކުރުމަކީ ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް އެންމެން އެކުގައި ކުރަންޖެހޭކަމެއް ކަމުގައެވެ.
'ހައިކޮމިޝަނާރސް ކަޕް' ގެ ކުރިއަށް ހުރި މުބާރާތްތަކުގެ ތެރޭގައި ތަފާތު ކުޅިވަރުތައް ހިމެނެއެވެ. މީގެތެރޭގައި، ބާސްކެޓް ބޯލް، މެރަތޮން، ބަށި، ހޭންޑް ބޯލް، ފުޓްސަލް ހިމެނެއެވެ.
މިގޮތުން، އަލަށް އިފްތިތާހު ކުރެވުނު 'ހައިކޮމިޝަނާސް ކަޕް' ގެ ބެޑްމިންޓަން އެޑިޝަން 15 ނޮވެމްބަރ 2025 ގައި ވަނީ ބާއްވައިފައެވެ.
މި މުބާރާތް އިފްތިތާހްކޮށްދެއްވީ މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދެވެ.
މި މުބާރާތުގައި އެކި އުމުރު ފުރާއިން 5 ކެޓްގަރީއަށް ބަހާލައިގެން އަންހެން، ފިރިހެން، މިކްސް ޑަބަލްސް އަދި ކުޑަކުދީންގެ ކެޓަގަރީ އެއް ހިމޭނެ ގޮތަށް ވާދަކޮށްފައިވެއެވެ. އަދި މުބާރާތުގައި ސަތޭކައަށްވުރެ ގިނަ މެޗުކުޅެވުނެވެ.
މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކޮމުއިނިޓީގެ ވަރަށް ހޫނު ތަރުހީބެއް މި މުބާރާތަށް ލިބުނެވެ.


