އެއާ އެމްބިއުލާންސްގައި މިހާތަނަށް 1556 ބަލި މީހަކު އުފުލައިފި
19 ނޮވެމްބަރު 2025 - 08:33

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލިމީހުން އުފުލުމަށްޓަކައި އެކަމަށް ހާއްސަ ކުރެވިފައިވާ މަތިންދާ ބޯޓު މިހާތަނަށް 1556 ބަލި މީހުން އުފުލާފައިވާ ކަަމަށް ސިއްހީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެއާ އެމްބިއުލޭންސްގެ ފްލައިޓަކީ މޯލްޑިވިއަންގެ އެއާ ކްރާފްޓެކެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މިދިޔަ އަހަރުގެ މާރިޗް އެއް ވަނަ ދުވަހު ރާއްޖެއަށް އެއާ އެންބިއުލާންސްގެ ހިދުމަތް ވަނީ ފަށައިފައެވެ.

Ad by Hajj Corporation
ސިއްހީ ވުޒާރާއިން މިއަދު ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށި ފަހުން މިދިޔަ އަހަރު މާޗް އިން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް 1372 ދަތުރުކޮށް، 1556 ބަލި މީހުން އުފުލާފައިވާ ކަމަށެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.
ރައީސް މުއިއްޒުގެ ތަަސައްވުރަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއާ އެމްބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ. އަދި ރާއްޖޭގެ އަވައްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، އެ ގައުމުތަކަށް ވެސް ރާއްޖެއިން އެއާ އެމްބިއުލާންސްގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
މިގޮތުން ދާދި ފަހުން ވަނީ ދުބާއި އާއި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން އެއްބަސްވުމެއްގައި ސޮއިކޮށްފައެެވެ.


