ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމަންޓްގެ %91 މަސައްކަތް ނިމިއްޖެ
19 ނޮވެމްބަރު 2025 - 18:25

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް 91 އިންސައްތަ ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ދިން މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ސަބް-ގްރޭޑްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މިކަމާ ގުޅިގެން ކެރިއޭޖްވޭގެ މަސައްކަތްތައް ފަށާފައިވާއިރު، މިހާރު ދަނީ އޭބީސީ (އެގްރިގޭޓް ބޭސް ކޯސް) އެޅުމުގެ މަސައްކަތް ކުރިއަށްގެންދަމުންނެވެ.

Ad by Hajj Corporation
މީގެ އިތުރުން، ސަރވިސް ލައިންތަކާއި، ޑްރެއިނޭޖް ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ އެއްކޮށް ނިމިފައެވެ. މަގުގެ ފެންސްފަށުގެ މަސައްކަތްވެސް ވަނީ 87 އިންސައްތަ ނިމިފައެވެ. ސެގްމަންޓް އެކެއްގެ އެއްގަމު ތޮށީގެ މަސައްކަތް ވަނީ މުޅިން ނިންމާފައެވެ. މަގު ފުޅާކުރުމުގެ ގޮތުން، އެއްގަމު ތޮށި ބޭރަށް 6 މީޓަރު ޖައްސައިގެން ވަނީ ތަރައްޤީކޮށްފައެވެ.
މި ބޮޑު މަޝްރޫޢުގެ ސެގްމަންޓް 1 ގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް އޮންނަ 130 މީޓަރުގެ ސަރަޙައްދެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 21 ވަނަ ދުވަހުއެވެ.
މި މަޝްރޫޢު ނިމުމުން، މާލެ ސިޓީގައި ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. ޒަމާނީ އަދި ފައިމަގުގައި ހިނގާ މީހުންނަށް ފަސޭހަ މަގުތަކެއް ތަރައްޤީކުރެވިގެންދާއިރު، މަގުތައް ފުޅާކުރުމުން ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަވާނެއެވެ. އަދި އާ ސްޓޯމްވޯޓަރ ޑްރެއިނޭޖް ނިޒާމަކުން ބޯކޮށް ވާރޭވެހޭ ހާލަތްތަކުގައި ފެންބޮޑުވުން ކުޑަވެ، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށް އިތުރަށް ރައްކާތެރި އަދި ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީއެއް ކަށަވަރުކޮށްދޭނެއެވެ.


