ބޮޑުތަކުރުފާނުމަގުގެ ފުރަތަމަ ސެގްމަންޓްގައި ތާރުއަޅަން ފަށައިފި
21 ނޮވެމްބަރު 2025 - 05:26

ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1ގައި ތާރުއެޅުމާ ގުޅޭ މަސައްކަތްތައް ފަށައިފިއެވެ.
މި ބޮޑު މަޝްރޫޢުގެ ސެގްމަންޓް 1 ގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް އޮންނަ 130 މީޓަރުގެ ސަރަޙައްދެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 21 ވަނަ ދުވަހުއެވެ.

Ad by Hajj Corporation
މާލޭގެ ބޭރު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދަނީ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ.
މި މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓްގެ 91 އިންސައްތަ މަސައްކަތް މިހާރުވަނީ ނިންމާލާފައެވެ.
އެމްޓީސީސީން ދިން މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ސަބް-ގްރޭޑްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މިކަމާ ގުޅިގެން ކެރިއޭޖްވޭގެ މަސައްކަތްތައް ފަށާފައިވާއިރު، މިހާރު ދަނީ އޭބީސީ (އެގްރިގޭޓް ބޭސް ކޯސް) އެޅުމުގެ މަސައްކަތް ކުރިއަށްގެންދަމުންނެވެ.
މީގެ އިތުރުން، ސަރވިސް ލައިންތަކާއި، ޑްރެއިނޭޖް ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ އެއްކޮށް ނިމިފައެވެ. މަގުގެ ފެންސްފަށުގެ މަސައްކަތްވެސް ވަނީ 87 އިންސައްތަ ނިމިފައެވެ. ސެގްމަންޓް އެކެއްގެ އެއްގަމު ތޮށީގެ މަސައްކަތް ވަނީ މުޅިން ނިންމާފައެވެ. މަގު ފުޅާކުރުމުގެ ގޮތުން، އެއްގަމު ތޮށި ބޭރަށް 6 މީޓަރު ޖައްސައިގެން ވަނީ ތަރައްޤީކޮށްފައެވެ.
މި މަޝްރޫޢު ނިމުމުން، މާލެ ސިޓީގައި ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. ޒަމާނީ އަދި ފައިމަގުގައި ހިނގާ މީހުންނަށް ފަސޭހަ މަގުތަކެއް ތަރައްޤީކުރެވިގެންދާއިރު، މަގުތައް ފުޅާކުރުމުން ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަވާނެއެވެ. އަދި އާ ސްޓޯމްވޯޓަރ ޑްރެއިނޭޖް ނިޒާމަކުން ބޯކޮށް ވާރޭވެހޭ ހާލަތްތަކުގައި ފެންބޮޑުވުން ކުޑަވެ، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށް އިތުރަށް ރައްކާތެރި އަދި ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީއެއް ކަށަވަރުކޮށްދޭނެއެވެ.
މިމަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.


