ބާސާގެ ލޯނު ކުޅުންތެރިޔާގެ މޮޅުކުޅުމާއެކު ރެއާލް ހުއްޓުވައިފި
24 ނޮވެމްބަރު 2025 - 03:32

ރެއަލް މެޑްރިޑުން އެލްޗޭ އާއި ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. މިމެޗުގައި ބާސެލޯނާއިގެ ލޯނު އެއްބަސް ވުމެއްގެ ދަށުން އެލްޗޭ އަށް ކުޅެމުންގެންދާ ގޯލު ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކައި ރެއާލް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ. މިމެޗު ނިމުނީ 2-2 އިންނެވެ.
އެލްޗޭގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް ސަލާމަތްކޮށްދިނީ އެންމެ ފަހު ވަގުތު، 87 ވަނަ މިނެޓުގައި ޖޫޑް ބެލިންގހަމް ޖެހި ގޯލުންނެވެ. މި ނަތީޖާއާއެކު ރެއާލް އެއް ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި ހިފަހައްޓާފައިވީ ނަމަވެސް، ޓީމުގެ ހާލަތު ވަނީ އިތުރަށް ކަންބޮޑުވާ ހިސާބަކަށް ގޮސްފައެވެ. މިއާއެކު ރެއާލް ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.

Ad by Hajj Corporation
ބޮޑެތި ބަދަލު ތަކާއެކު ރެއާލް އިން މިމެޗު ފެށިއިރު، ފުރަތަމަ ހާފުގައި ޓީމުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. މެޑްރިޑްގެ ބަލިކަށިކަމުގެ ފައިދާ ނަގައި، 53 ވަނަ މިނެޓުގައި ފެބާސް ވަނީ އެލްޗޭއަށް ލީޑު ނަގައިދީފައެވެ. އަލޮންސޯ ވަގުތުން ތިން ބަދަލެއް ގެނެސް، ވިނީޝިއަސް، ވަލްވާޑޭ، އަދި ކަމާވިންގާ ކުޅެން އެރުވިއެވެ. ނަމަވެސް މެޑްރިޑްގެ އެޓޭކްގައި ހަމަޖެހުމެއް ނެތެވެ. 78 ވަނަ މިނެޓުގައި ހައުސެން ބޮލުން ޖަހައި މެޑްރިޑަށް އެއްވަރުކޮށްދިނެވެ. ނަމަވެސް ކުރީގެ މެޑްރިޑް ކުޅުންތެރިޔާ އަލްވާރޯ ވަނީ ހަ މިނެޓު ފަހުން އެލްޗޭއަށް އަލުން ލީޑު ނަގައިދީފައެވެ.
ރެއާލް ބަލިނުވެ ސަލާމަތްކޮށްދިނީ މެޗުގެ 87 ވަނަ މިނެޓުގައި ބެލިންގްހަމް ޖެހި ގޯލަކުންނެވެ. މިއާއެކު ރެއާލް 32 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި ބާސެލޯނާ އޮތީ 31 ޕޮއިންޓާއެކީގައެވެ.


