ކޮންމެ އަންހެނަކާއި އަންހެންކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް މިއަދުގެ އަޒުމް ކަނޑައަޅަންޖެހޭ : ރައީސް
25 ނޮވެމްބަރު 2025 - 03:53
އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤުވާމީ ދުވަހާ ގުޅިގެން، ކޮންމެ އަންހެނަކާއި އަންހެންކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް އަލުން ޢަޒުމުކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ރައީސް މި ގޮވާލެއްވީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤުވާމީ މި ދުވަހަކީ، ކޮންމެ އަންހެނަކާއި އަންހެންކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް އަލުން ޢަޒުމުކަނޑައެޅުމުގެ މުހިއްމު ދުވަހެއް ކަމަށެވެ.
އެމަނިކުފާނު ވަނީ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މުޖުތަމަޢެއް ބިނާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމުގައިވެސް ފާހަގަކުރައްވާފައެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ދިރިއުޅުން އިތުރަށް ގުޅިލާމެވިފައިވާއިރު، އޮންލައިންކޮށް ބިރުދެއްކުމާއި ބަދުއަޚުލާގީ ޢަމަލުތަކުގެ ނުރައްކާތައް ދަނީ ބޮޑުވަމުންކަން ރައީސް ފާހަގަކުރެއްވިއެވެ. މިފަދަ ނުރައްކާތަކުން އަންހެނުންނާއި އަންހެންކުދިން ރައްކާތެރިކުރުމުގެ މުހިއްމުކަން އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.
މިކަމަށް ހައްލެއް ހޯދުމަށް ގޮވާލައްވަމުން ރައީސް ވިދާޅުވީ، އާ ޓެކްނޮލޮޖީތަކަކީ އަންހެނުންނާއި އަންހެންކުދިން ބާރުވެރިކުރުވައި، އެކުދިންނަށް ކުރިއެރުމުގެ ރައްކާތެރި މާޙައުލެއް ފޯރުކޮށްދޭނެ ވަސީލަތްތަކަކަށް ހެދުމަށްޓަކައި، އެންމެން އެއްބާރުލައިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
މި މަސައްކަތަކީ އަޅުގަނޑުމެންގެ ޤައުމަށް ކުރިއެރުން ހޯދައިދިނުމަށް ވެސް މުހިއްމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ރައީސްގެ ޕޯސްޓުގައިވެއެވެ.


