ވިހެއުމުގެ ތެރޭގައި ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
25 ނޮވެމްބަރު 2025 - 05:00

އައްޑޫ ސިޓީގައި ވިހެއުމުގެ ތެރޭގައި ދިމާވި ކުއްލި ހާލަތާ ގުޅިގެން ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން ބޭކަނބަލަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ކަމެއްކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ޚިދުމަތް ކުރައްވަމުން ގެންދެވި، މަރްޙޫމާ ޢާއިޝަތު ނަޒާހަތު އަޙްމަދަށް، ޝަހީދެއްގެ ދަރަޖަ މާތްﷲގެ ޙަޟްރަތުގައި ދެއްވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި ލެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އުފަންވި ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާށި މިންވަރުކޮށްދެއްވުމަށާއި އަދި މަރްޙޫމާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި އެމަނިކުފާނުވަނީ ދުޢާ ދަންނަވާފައެވެ.

Ad by Hajj Corporation
އައްޑޫ ސިޓީގައި އިއްޔެ ނިޔާވެފައިވަނީ ސިމްޑީ ގްރޫޕުން ހިންގާ އައިއެމްޑީސީގައި ސިޒޭރިއަން ހެދި ސ. ހިތަދޫ، ތަމަންނާގެ، އާއިޝަތު ނަޒާހަތު އަހްމަދުދީދީ އެވެ.
ނަޒާހަތަކީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން ގެންދިޔަ މުވައްޒަފެކެވެ.
ނަޒާހަތު ވިހެއި ތުއްތު ދަރިފުޅަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އެންއައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ހެލްތު މިނިސްޓްރީގެ އިތުރުން އައިއެމްޑީސީ އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.


