މާލެ ސަރަހައްދުގެ ސިލްސިލާ ބައްދަލުވުންތައް: ދެވަނަ ބައްދަލުވުން މިރޭ މައްޗަންގޮޅީ ރައްޔިތުންނާއެކު
25 ނޮވެމްބަރު 2025 - 05:19

މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން 2 ވަނަ ބައްދަލުވުން މިރޭ އޮންނާނެއެވެ.
ރައީސް މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވާފައިވަނީ މިރޭ 20:30ގައި އަމީނިއްޔާ ސްކޫލްގައެވެ.

Ad by Hajj Corporation
މި ޖަލްސާއަށް ވަޑައިގެންދެއްވުމަށް ސަރުކާރުން ހިންގާ ޕީއެންސީން ވަނީމައްޗަންގޮޅިގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.
މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަން ރައީސް ހާމަކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" މިނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އ.ތ.މ. ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި، މި ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް ވަރަށް އަވަހަށް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށާއި މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނިންމެވުމާ އެއްގޮތަށް ބޭއްވި ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ވިލިމާލެ ރައްޔިތުންނާއެކުގައެވެ.


