މިބަޖެޓަކީ މީގެ ކުރިން އެކުލަވާނުލާފަދަ އުއްމީދީ ބަޖެޓެއް: މެމްބަރު ޝާމިން
25 ނޮވެމްބަރު 2025 - 15:54

މިބަޖެޓަކީ މީގެ ކުރިން އެކުލަވާނުލާފަދަ އުއްމީދީ ބަޖެޓެއްކަމަށާއި މި ސަރުކާރުގައި ފެނިގެންދަނީ ކުރެންދޫ ދާއިރާގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މަންޒަރުކަމަށްއެ ދާއިރާގެ މެމްބަރު މުހައްމަދު ޝާމިން ހަބީބު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ފާސްކުރި ބަޖެޓާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ރަށްރަށަށް އެކަށައަޅާފައިވާ ތަރައްގީގެ މަޝްރޫއުތައް ބަޖެޓުކޮށްފައިވަނީ ނަމަކަށްކަމަށެވެ.

Ad by Hajj Corporation
އެހެންނަމަވެސް މި ސަރުކާރުން ހުށަހެޅި ބަޖެޓުގައި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިމެނިފައިވަނީ އެ މަސައްކަތްތައް ނިމޭނެކަމުގެ ޔަގީންކަމާއެކުގައިކަމަށް މެމްބަރު ވިދާޅުވިއެވެ.
އެގޮތުން ހަމައެކަނި ކުރެންދޫ ދާއިރާއަށް ބެލިނަމަވެސް ތަރައްގީގެ އެތައް މަޝްރޫއުތަކެއް ބަޖެޓުގައި ހިމެނިފައިވާކަމަށާއި އެގޮތުން ބަނދަރާއި، ފުލުހުންގެ މަރުކަޒާއި، ޒުވާނުންގެ މަރުކަޒާއި، ކައުންސިލް އިމާރާތާއި، ގުރުއާނުގެ މަރުކަޒގެ މަސައްކަތްތައް ހިމެނޭކަމަށް މެމްބަރު ވިދާޅުވިއެވެ.
މީގެ ތެރެއިން ގިނަ މަސައްކަތްތަކުގެ އަމަލީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން އުއްމީދަކީ ވީ އެންމެ އަވަހަށް އެ ހުރިހާ މަޝްރޫއުތަކެއް ނިމި އޭގެ މަންފާ ރައްޔިތުންނަށް ކުރުންކަމަށް މެމްބަރު ވިދާޅުވިއެވެ.
މި ސަރުކާރުން ކުރިއަށްގެން ތަރައްގީގެ މަޝްރޫއުތައް ނުނިމޭނެކަމަށް ބުނާ ވާހަކަތަކަށްވެސް މެމްބަރު ވަނީ ރައްދު ދެއްވާފައެވެ.
"އެބަ ވިދާޅުވޭ ނުނިމޭނެއޭ މަސައްކަތްތަކެއް. ބަޖެޓަށް ކުރާނެ ހަރަދަކަށް ނޫން ބަލަނީ ދާއިރާގެ ތަރައްގީއަށް. ރައީސް މުއިއްޒުގެ ދައުރު ނިމުމުގެ ކުރިން މި މަސައްކަތްތައް ނިމި އައު މަޝްރޫތައްވެސް ފެށިގެންދާނެކަމުގެ ޔަގީންކަން އެބައޮތް". ކުރެންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާމިން ހަބީބު
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވާފައިވާ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓަށް އުނިއިތުރެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދެވެ.


