މަޖިލީހުގެ ދައުރު އަންނަ ހަފުތާގެ ނިޔަލަށް އިތުރުކުރަން ފާސްކޮށްފި
26 ނޮވެމްބަރު 2025 - 07:19

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު އަންނަ ހަފުތާގެ ނިޔަލަށް އިތުރު ކުރުމަށް ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ރިޔާސަތުން ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މިގޮތަށް ހުށަހެޅުއްވި ސަބަބެއްކަމަށް ވިދާޅުވީ ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށެވެ.

Ad by Hajj Corporation
ރިޔާސަތުން ހުށަހެޅި ހުށަހެޅުއްވުމާ އެއްގޮތަށް މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު އަންނަ ހަފުތާގެ ނިޔަލަށް އިތުރު ކުރުމަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ވޯޓުންނެވެ. ދައުރުގެ މުއްދަތު އިތުރު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ.
މަޖިލީހުގެ ގަވާއިދުގައިވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގަން ފަށާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށެވެ. ދެވަނަ ދައުރުގެ ޖަލްސާތައް ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އިރު އޮކްޓޯބަރު މަހުގެ 1އިން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކުރިއަށްދާނީ ތިންވަނަ ދައުރުގެ ޖަލްސާތަކެވެ.
މިއަހަރުގެ ތިންވަނަ ދައުރުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް ރިޔާސަތުން ނިންމަވާފައިވަނީ އަންނަ ޑިސެންބަރު މަހުގެ 4ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކުރުމަށެވެ.


