ހުރިހައި ވަޤްފް އިމާރާތެއް މި ދައުރުތެރޭ ނިންމާ ބޭނުންކުރުމަކީ މިނިސްޓްރީގެ އަމާޒު: މިނިސްޓަރ ޝަހީމް
27 ނޮވެމްބަރު 2025 - 05:43

ރާއްޖޭގައި މިހާރު ޤާއިމްކުރަމުންދާ ހުރިހައި ވަޤްފް އިމާރާތްތަކުގެ ޢަމަލީ މަސައްކަތް ނިންމާ، މި ދައުރުތެރޭ ބޭނުންކުރަން ފެށުމަކީ އަމާޒެއް ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ހުޅުމާލޭގައި ޤާއިމްކުރާ ވަޤްފު ޢިމާރާތް 'ދާރުއްސަލާމް'ގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގައި މިހާރު ޤާއިމްކުރަމުންދާ ހުރިހައި ވަޤްފް އިމާރާތްތަކުގެ ޢަމަލީ މަސައްކަތް ނިންމާ، މި ދައުރުތެރޭ ބޭނުންކުރަން ފެށުމަށް އެ އެ މިނިސްޓްރީން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށެވެ.އެގޮތުން، ހުޅުމާލޭގައި ޢިމާރާތްކުރާ ވަޤްފު އިމާރާތް 'ދާރުއްސަލާމް'ގެ މަސައްކަތްވެސް ކުރިއަށްއޮތް ދެ އަހަރުތެރޭ ނިންމާ ބޭނުންކުރަން ފެށުމަށް މަސައްކަތްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދާރުއްސަލާމް ވަޤްފް އިމާރާތަކީ، ސަރުކާރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުއާރުސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި އިމާރާތް ބިނާކުރަނީ ހުޅުމާލެ ޕްލޮޓް ނަންބަރު 11646 (އަމީން އެވެނިއު ކުރިމަތީ) ގައި އޮންނަ ބިމުގައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގައި ޢިމާރާތްކުރާ މި ވަޤްފު އިމާރާތަކީ ރާއްޖޭގައި މިހާތަނަށް ގާއިމްކުރެވޭ އެންމެ ބޮޑު ވަޤްފު ބިނާއެވެ.


