އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދޭ ޚަރަދު އުނިކޮށް،ކުރީގެ ނައިބުންނަށް އިނާޔަތް ދެނީ
27 ނޮވެމްބަރު 2025 - 06:39

ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ދޭ ފައިސާ އުނިކޮށް، ކުރީގެ ނައިބުންނަށް އިނާޔަތެއް ދޭ ގޮތަށް ޤާނޫނު އިސްލާހު ކުރުމަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމަށްވެސް މި ބިލުގައި ވަނީ ހިމަނުއްވާފައެވެ. އަދި މި ދެ ބަދަލާއެކު ޚަރަދަށް އަންނާނެ ބަދަލުތަކުގެ އެސްޓިމޭޓެއްވެސް ވަނީ ހުށަހަޅުއްވާފައެވެ.

Ad by Hajj Corporation
މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުން އިނާޔަތް ދޭންޖެހޭނީ 5 އަހަރުގެ ދައުރު ފުރިހަމަ ކުރާ ނައިބު ރައީސުންނަށް އެކަންޏެވެ. މި އުސޫލުން ބަލާނަމަ މިހާތަނަށް 5 އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ފައިޞަލް ނަސީމެވެ. އޭގެ ކުރިން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެކި ސަބަބުތަކާހުރެ 5 އަހަރުގެ ދައުރު ފުރިހަމަ ނުކުރެއްވެއެވެ.
އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ 19.7 މިލިޔަން ރުފިޔާ 10.2 މިލިޔަން ރުފިޔާއަށް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ދެވޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން، ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175،000 ރުފިޔާ ދޭން ނުޖެހޭގޮތަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖަނަމަ އެ ދައުރެއްގައި އަދި ދައުލަތުގެ އެ ނޫންވެސް މަޤާމަކަށް އައްޔަން ކުރެވިއްޖެނަމަ އެ މަޤާމެއްގެ މުއްދަތުގައި ޤާނޫނުން އެ ބޭފުޅަކަށް ދޭ އިނާޔަތްތައް މެދުކަނޑާލަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މިހާރު ޤާނޫނު އޮތްގޮތުން އިނާޔަތް މެދުކަނޑާލަން ޖެހޭނީ ދެވަނަ ދައުރަކަށް އިންތިޚާބުވުމުން އެކަންޏެވެ.
މީގެ އިތުރުން ނައިބުންނަށް ދޭ އިނާޔަތް ހިމެނުމުން އަންނަ އަހަރު އެކަމަށް 300،000 ރުފިޔާ އަދި ނައިބުންނަށް ދޭ ބޭސްފަރުވާގެ ޚަރަދަށް 700،000 ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.


