ވިލިމާލޭގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް، ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެ
1 ޑިސެމްބަރު 2025 - 07:56

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، މިއަދު ވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވައިފިއެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން ބުނިގޮތުގައި މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުމެވެ. މި މަޝްރޫޢުގެ ސަބަބުން މިހާރު ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެ ވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

Ad by Hajj Corporation
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ރަސްމީކޮށް ފައްޓަވާދެއްވާފައިވަނީ 5 ޖޫން 2024 ގައި ދުނިޔޭގެ ތިމާވެށީގެ ދުވަހުގައެވެ. މި ހަރަކާތުގެ ސަބަބުން މި ޤައުމީ މަޝްރޫޢަށް ދެވޭ ސަމާލުކަން ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވެއެވެ.
މިއަދު ވިލިމާލޭގައި ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން 100 ދިވެހި ރުއް ވަނީ ވިލިމާލޭގެ ތިން ސަރަހައްދެއްގައި އިންދާފައެވެ. މީގެ އިތުރުން 100 އަށް ވުރެ ގިނަ ހައިވަކަރު ގަސްވެސް މި ހަރަކާތުގެ ދަށުން ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އިންދާފައެވެ. ހައިވަކަރަކީ މިވަގުތު ރާއްޖެއިން ވަރަށް މަދުން ފެންނަ ގަހެކެވެ. މިގޮތަށް މަދުން ފެންނަ ގަސްތައް ގިނަކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ ތިމާވެށީގެ ދިރުންތައް ދެމެހެއްޓުމަށް ބާރުއަޅާ ކަމެކެވެ.
މި ހަރަކާތުގައި ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިންނާއި ވުޒާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް، މިނިސްޓަރ އޮފް ސްޕޯރޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނަޒިމް އިބްރާހިމް، އަދި ވިލިމާލެ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު އިސްމާޢީލް އާއި އެހެނިހެން އިސްވެރިން ވެސް ވަނީ ގަސް އިންދަވާދެއްވާފައެވެ.


