މަގު ހެދުމާއި ވިލިމާލެ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ފަށަނީ
24 ސެޕްޓެމްބަރު 2026 - 13:49

މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމާއި ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދީފި އެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ މިކަމުގެ ޔަގީންކަން ދެއްވެވީ ޗައިނާގެ 77 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ސަފީރު ވިދާޅުވީ މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތާއި ވިލިމާލޭގައި އިމާރާތް ކުރާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭ ވަރަށް ތައްޔާރުވަމުންދާ ކަމަށެވެ.
މަގުތަކާއި ހޮސްޕިޓަލްގެ ޑިޒައިން ނިމި ފައިނަލް ކުރެވިފައިވާތީ މަސައްކަތް ފެށުން ދެން ލަސްނުވާނެ ކަމުގައިވެސް ސަފީރު ވިދާޅުވި އެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް އަލުން ހެދުމާއި ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ދެ މަޝްރޫއެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ އެންމެ އިސްވެރިންގެ މެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ޗައިނާއިން ސަރުކާރުން ރާއްޖެއަށް ކޮށްދޭން އެއްބަސްވި މަޝްރޫއެކެވެ.
ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީ ކުރަނީ 112 އެނދުގެ ހޮސްޕިޓަލެކެވެ.
މި ހޮސްޕިޓަލުގައި ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދެނީވެސް ޗައިނާ ސަރުކާރުންނެވެ.


