ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްދީގުކުރައްވައިފި
1 ޑިސެމްބަރު 2025 - 11:47

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ތަސްދީގުރެއްވުމާއެކު، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 މެންބަރުންނެވެ. އޭގެތެރެއިން އެއް އަންހެން މެންބަރަކު އިންތިހާބުކުރަން ޖެހޭނެއެވެ. އަދި 2000 މީހުނަށްވުރެ ބޮޑު އަބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިޚާބުކުރާނީ 5 މެންބަރުންނެވެ. އޭތެރެއިން ދެ މެންބަރުން ވާންޖެހޭނީ އަންހެން މެންބަރުންނަށެވެ.

Ad by Hajj Corporation
މި އިސްލާހުގެ ދަށުން ސިޓީ ކައުންސިލުތައް އެކުލެވިގެންވާ ގޮތަށް ބަލާއިރު، މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ ކައުންސިލުގެ މޭޔަރުގެ އިތުރުން މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދާ އެއް ޢަދަދެއްގެ މެންބަރުންގެ މައްޗަށެވެ. ފުވައްމުލަކު ސިޓީ ކައުންސިލު އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން، ކޮންމެ އަވަށަކަށް (ޖުމުލަ 8 އަވަށް) 1 (އެކެއް) ގޮނޑީގެ ނިސްބަތުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުގެ އިންތިހާބުތަކުގައި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ، އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުޞޫލުގެ ދަށުން ކަމަށް މި އިސްލާހުގައި ވެއެވެ.
މި އިސްލާހުގެ ދަށުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކުލެވިގެންވާ ގޮތަށްވެސް ބަދަލުތަކެއް ގެނެސްފައި ވެއެވެ. އެގޮތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީ ރައްޔިތުން އިންތިހާބުކުރާ ފަރާތެއްކަމަށާއި އަދި އަންހެނުންގެ ކޮމިޓީގެ ރައީސަކީ ފުލްޓައިމް މެންބަރެއްކަމަށް މި އިސްލާހުން ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން އެލްޖީއޭ ބޯޑުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކު ހިމަނަންވެސް ކަނޑައަޅާފައިވެއެވެ.
ކައުންސިލަރުންގެ މަގާމު ގެއްލޭ ގޮތްތަކުގެ ތެރޭގައި، އިންތިހާބުވާ ޕާޓީން ދައުރުގެ ތެރޭގައި އަމިއްލައަށް ވަކިވެ، އެހެން ޕާޓީއަކަށް ސޮއިކުރުން ނުވަތަ އަމިއްލަގޮތުން އިންތިހާބުވި މެންބަރެއްނަމަ ދައުުރުގެތެރޭގައި އެއްވެސް ޕާޓީއަކަށް ސޮއިކުރުން ވަނީ ހިމަނާފައެވެ.


