ޖިންސީ ގޯނާގެ ތުހުމަތު އޮއްވައި ފިލައިގެން ދާން އުޅެނިކޮށް ސަނީ އުމަރު ހައްޔަރުކޮށްފި
1 ޑިސެމްބަރު 2025 - 17:08

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވިފައި އޮއްވައި ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅެނިކޮށް، މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާގައި އިސްކޮށް އުޅުނު ޑރ. ހުސައިން ސަނީ އުމަރު އެއާޕޯޓުގައި ހުއްޓައި ހައްޔަރުކޮށްފިއެވެ.
ސަނީ އުމަރު ރާއްޖެ އައުމާއެކު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ, ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް މިއަދު ހާޒިރުކުރިއެވެ.

Ad by Hajj Corporation
ސަނީއަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތު ފުލުހަށް ހުށަހެޅީ އެ ކުދިންގެ އާއިލާގެ ފަރާތުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލައިގައި އޭނާ ސުވާލުކުރުމަށް ހާޒިރުކުރި ނަމަވެސް، އޭނާ އޭރު ހައްޔަރުކޮށްފައެއް ނުވެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ، އެއާޕޯޓުގައި ރާއްޖެއިން ބޭރަށް ފުރަން ގޮސް ހުއްޓައެވެ.
ބައެއް މީޑިއާތަކުގައިވާ ގޮތުން ތުހުމަތު ކުރެވޭ ގޮތުގައި ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް އެ މީޑިއާތަކުގައިވެއެވެ.
އެ މައްސަލާގައި ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން ސަނީ އުމަރުގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މީގެ އިތުރުން ޓްރެވަލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި އަދި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.


