ސަނީ އުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދެނީ
3 ޑިސެމްބަރު 2025 - 11:34
.webp&w=3840&q=75)
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ، މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާގައި އިސްކޮށް އުޅުނު ޑރ. ހުސައިން ސަނީ އުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދެން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާއާއި، 33 ވަނަ މާއްދާގެ ދަށުން އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށްއެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެކަމަށެވެ.

Ad by Hajj Corporation
މި ހުށަހެޅުމާ އެއްގޮތަށް އޭނާ މަސްދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވެއެވެ.
މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ޤަޞްދުކުރާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމުން ދޫކޮށްލާފައި ހުއްޓައި ފިލަން އުޅެނިކޮށް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
ބައެއް މަސްދަރުތަކުން ހާމަކުރާ ގޮތުގައި ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރޭގައި އަންހެން ކުއްޖަކާއި 18 އަހަރުން ދަށުގެ ދެ ފިރިހެން ކުދިން ހިމެނޭކަމަށް މަސްދަރުތަކުން ބުނެފައިވެއެވެ.
ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް ސަނީ ނިސްބަތްވާ ޓްރެވަލް ގާއިސްއިން މިދިޔަ ހޮނިހިރު ދުވަހު ބުނީ، އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ.
އަދި ސަނީއަށް ތުހުމަތުކުރެވޭ އަމަލުތަކަކީ އެ ކުންފުނީގެ ހިންގުމާއި ހަމަތަކާ ގުޅުންހުރި އަމަލުތަކެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ވެސް ދަ ޓްރެވަލް ގާއިސްއިން ދިނެވެ.


