ވޯލްޑް ޗެންޕިއަން ޗެލްސީ އަށް ހިތިބައްޔަކާއެކު ތާވަލުގެ ހަތަރުވަނައަށް ވެއްޓިއްޖެ
4 ޑިސެމްބަރު 2025 - 03:18

ޕްރިމިއާ ލީގުގައި ރޭގައި ވޯލްޑް ޗެމްޕިއަން ޗެލްސީ ރެލިގޭޝަނުގައިވާ ލީޑްސް ޔުނައިޓެޑް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެއްޖެވެ. މި ބައްޔާއެކު ޗެލްސީ ވަނީ ލީގު ތާވަލުގެ ހަތަރުވަނަ މަގާމަށް ވެއްޓި، ލީގު ހޯދުމުގެ ރޭހަށް އެރުމަށް އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ލީޑްސް އަމިއްލަ ދަނޑުގައި ކުޅުނު މި މެޗަށް ޗެލްސީ ނިކުތްއިރު ކޯޗު އެންޒޯ މަރެސްކާ ވަނީ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކެޕްޓަން ރީސް ޖޭމްސް، ޕެޑްރޯ ނެޓޯ އަދި އަލެހަންދްރޯ ގަރްނާޗޯ މެޗު ފަށާފައިވަނީ ބެންޗުންނެވެ.
މި މެޗަށް ލީޑްސް ނިކުތްއިިރު އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިވާ ހާލަތެއްގަ އެވެ. ނަމަވެސް އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާ ޗެލްސީ ބަލިކޮށްފަ އެވެ. ލީޑްސް އިން މެޗުގެ ލީޑު ނަގާފައިވަނީ ހަވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އައޯ ޓަނާކާ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑްސްގެ ލީޑު ބޮޑުކޮށްފަ އެވެ.

Ad by Hajj Corporation
މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ބަޑިއަޝޭލް އާއި އެސްޓެވާއޯ ވިލިއަމްސްގެ ބަދަލުގައި މާލޯ ގުސްޓޯ އާއި ޕެޑްރޯ ނެޓޯ ކުޅެން އަރުވައި ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އަދި ކޯލް ޕާމާ ވަނީ މެޗުގެ 61 ވަނަ މިނިޓުގައި ލިއާމް ޑެލަޕްގެ ބަދަލުގައި ކުޅެން އަރުވާފަ އެވެ. ޗެލްސީ އިން މި މެޗުގައި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ލީޑްސް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 72 ވަނަ މިނިޓުގައި ޗެލްސީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޑޮމިނިކް ކެލްވަޓް ލެވިން ޖެހި ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ލީޑްސް އަށް ވަނީ 14 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނުން ސަލާމަތްވެ ލީގު ތާވަލުގެ 17 ވަނަ މަގާމް ލިބިފަ އެވެ. ޗެލްސީ އަށް މިހާރު ލިބިފައިވަނީ 24 ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގަ އެވެ.


