މައްޔިތެއްގެ ހަށިގަނޑުން 78 ބްލެޓް ނަގައިފި، ބަރުދަނުގައި 818 ގްރާމް!
5 ޑިސެމްބަރު 2025 - 15:43

މިދިޔަ ނޮވެމްބަރުމަހުގެ ފަހުކޮށް ހުޅުމާލެ ގެސްޓް ހައުސްއެއްގައި ނިޔާވެފައި އޮއްވާ ފެނުނު މީހެއްގެ ހަށިގަނޑުން 78 ބްލެޓް ނަގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އެ ޚިދުމަތުން ވަނީ، 2025 ނޮވެމްބަރު 30 ވަނަ ދުވަހުގެ 12:57 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މީހަކު ނިޔާވެފައިވާ މައްސަލައިގެ އަޕްޑޭޓެއް މީޑިއާތަކަށް ހިއްސާކޮށްފައެވެ.

Ad by Hajj Corporation
ނިޔާވެފައި އޮއްވާ ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.
މިހާތަނަށް ބެލިބެލުމުން މިމީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެމީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހުކަން އެނގިފައިވެއެވެ. އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިންގ ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވެއެވެ.
ނިޔާވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވެއެވެ. އަދި މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، މި ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާތީ، މިކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދައި، 2025 ޑިސެންބަރު 2 ވަނަ ދުވަހުގެރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވެއެވެ. އަދި މީހާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑި ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުންނެވެ. އަދި ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުންނެވެ.
އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މިމައްސަލައިގެ މައުލޫމާތު ހާމަކޮށްފައިނުވަނީ މިމައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި މިމައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މިމައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދިއުމާއެކުއެވެ. އަަދި މިމަސައްކަތް މިހާރުވެސް ފުލުހުން ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މިމައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ.


