އިސްލާމީވަންތަ ހެޔޮވެރިކަމެއްގެ އުފާވެރި އިހްސާސް ކުރެވޭ ހިނދު!
5 ޑިސެމްބަރު 2025 - 17:33

އިސްލާމީ އުސޫލު ނިޔާކުރާގޮތުން ވެރިކަމުގެ ކަންތައްތައް ހިންގުމުގައި މުސްލިމުންގެ މަޝްވަރާ އާއި ރަޢުޔު ހޯދަން މުސްލިމުންގެ ވެރިމީހާ އަށް ޖެހެއެވެ. ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރަށްވާފައިވެއެވެ. (وَأَمْرُهُمْ شُورَىٰ بَيْنَهُمْ) {އައްޝޫރާ 38} މާނައީ: '' އަދި އެއުރެންގެ (އެބަހީ މުސްލިމުންގެ) ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ.''، ހަމައެހެންމެ ވެރިކަމުގެ ނިޒާމުގައި މަޝްވަރާގެ އުސޫލުން ދުސްތޫރީ ވެރިކަމެއް ހިންގުމަށް އިރުޝާދު ދެއްވަމުން މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَشَاوِرْهُمْ فِى ٱلْأَمْرِ) (އާލް އިމްރާން 159) މާނައީ: "ކަންތަކުގައި ކަލޭގެފާނު އެބައިމީހުންނާ މަޝްވަރާ ކުރައްވާށެވެ!"
އަހަރެމެން މުސްލިމުންގެ ވެރީންނަކީ މިފަދަ ބަޔަކަށްވުން ލާޒިމެވެ. މިއަދު މިސައްތައިންސައްތަ ދިވެހި މުސްލިމު ރައްޔިތުން އުފާކޮށް ޝުކުރުވާންޖެހޭ އެއްކަމަކީ އަޅުގަނޑުމެންގެ ވަލިއްޔުލްއަމްރުގެ ކިބައިން މި މަތިވެރި ސިފަތައް ފެނިގެންދާތީއެވެ. މިއީ ހުޝާމަތެއްނޫނެވެ. ސާފުމަންޒަރުން ފެންނަމުންދާ ޙަޤީޤަތެވެ. ދިވެހި ޤައުމުގެ ވެރިކަމުގެ ބާރުތައް ފުރޮޅި ނިއުޅެމުން އައިސް މިއަދު ދިވެހީން މިދެކޭ ދުވަސްވަރަކީ، މިއިން ޒަމާނަކު މި ޤައުމުގެ ވެރިޔަކު ޤައުމުގެ ކަންކަން ނިންމެވުމުގައާއި، ރައްޔިތުންގެ ކަންކަން ޕްލޭންކުރެއްވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ނުހޯއްދާ މިންވަރަށް އެކަން ވެރިއެއްގެ ފުށުން މި މަތިވެރި ސިފަ ފެންނަމުންދާ ދުވަސްވަރެކެވެ.

Ad by Hajj Corporation
ތެދެއް ހާމަކުރުމަކީ އަދި އެކަމެއް ހިނގަމުންދާ ގޮތަށް ބަޔާންކުރުމަކީ އެކަމެއްގެ އެންމެ ރަނގަޅުގޮތެވެ. އަދި ވިސްނާ ފިކުރުކުރާ ބަޔަކަށް ވެސް އެންމެ ރަނގަޅު ގޮތް ސާފުވެދާ ކަމެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިން ފެނިގެންދާ މި މަތިވެރި ސިފައަކީ އިސްލާމްދީނުގައި އިސްލާމީ ވެރިންގެ ކިބައިން ފެނިގެން ދިޔުމަށް ކަނޑައެޅިގެންވާ މުހިންމު މާތް ސިފައެކެވެ.
ރައީސް މުޢިއްޒު ވަނީ ރައްޔިތުންގެ ކަންކަން ނިންމެވުމަށާއި، ޤައުމުގެކަންކަން ނިންމެވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ވަނީ ވަޑައިގެންފައެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ. އެ ދަތުރުފުޅަށްފަހު މިހާރު އެމަނިކުފާނު ވަނީ މާލޭ ސިޓީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއި ހޯއްދަވަން ފައްޓަވާފައެވެ.
ހެޔޮވެރިއެއްގެ އެންމެ މުހިންމު ސިފައަކީ ރައްޔިތުންނާ ގާތްވެ، އެމީހުންގެ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ސީދާ ސަމާލުކަން ދިނުމެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ބައްދަލުވުންތަކުގައި ހުށަހެޅުނު ކޮންމެ މައްސަލައަކަށް ވަކިވަކިން އެޓެންޑުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ވެރިކަމަށް އިތުބާރު އާލާވެ، ހެޔޮވެރިއެއް ލިބުނުކަމުގެ އިހުސާސް ވަރަށް ބޮޑަށް ބަދަހިވެގެންދެއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ފަރާތުން ލިބޭ ކޮންމެ ޚިޔާލެއް ވިޔަސް، ހުށަހެޅުމެއް ނުވަތަ މެ ޝަކުވާއެއް ވިޔަސް އެކަމެއް ލިޔުމަކަށް ބަދަލުކޮށް، ރައީސް އޮފީހުން އެކަންކަން ބަލާނެއެވެ. އަދި ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކަށް އެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން ފޮނުވައިގެން ބަލަންޖެހޭ ކަންކަން ބަލާނެއެވެ. މިއީ ހަމައެކަނި އަޑުއެހުމުގެ ބައްދަލުވުމެއް ނޫންކަން ދައްކުވައިދޭ ކަމެކެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށްޓަކައި ސަރުކާރުގެ ހިންގުންތެރިކަން ބޭނުންކުރާނެކަމުގެ ޔަގީންކަމެވެ.
ހެޔޮވެރިއެއްގެ ވެރިކަމުގައި އެންމެ އިސްކަންދޭ އެއް އަސާސަކީ ހަމަހަމަކަމާއި އަދުލުވެރިކަމެވެ. ރައީސް މުއިއްޒު ވަނީ ކޮންމެ ރައްޔިތަކީ ވެސް އެ މަނިކުފާނަށް ހަމަހަމަ ރައްޔިތެއް ކަމަށް ވިދާޅުވެފައެވެ. އެއްވެސް ބޭފުޅެއްގެ ސިޔާސީ ފިކުރަކަށް، ޖިންސަކަށް، އާއިލާއަކަށް ނުވަތަ ހަސަބު ނަސަބަކަށް ނުބަލާ، ކޮންމެ ބޭފުޅަކަށް ވެސް އެ ބޭފުޅެއްގެ ހައްގުތައް ފޯރުކޮށްދިނުމުގައި ސަރުކާރުން މަސައްކަތްކުރާނީ އަދުލުވެރިކަމާ އެކީގައި ކަމަށް ވިދާޅުވިއެވެ. މި އުސޫލަކީ، ސަރުކާރުގެ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ވެސް އިންސާފުން ލިބިގެންދާނެކަމުގެ ބޮޑު ޔަގީންކަމެކެވެ.
އެއްވެސް ޖެހިލުމެއް ނެތި ރައްޔިތުންނަށް އެމީހުންގެ ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަކީ ހެޔޮ ވެރިކަމެއްގެ މުހިންމު ސިފައެކެވެ. ރައީސް މުއިއްޒު ވަނީ ރައްޔިތުންނާ ބައްދަލުކުރައްވާއިރު، ބޭނުންވާ ކޮންމެ ވާހަކައެއް ވެސް ވިދާޅުވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހިޔާލު ތަފާތުވާ ވާހަކަތަކެއް ބަޔަކު ދެއްކިޔަސް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި، އެ ވާހަކަތަކަށް މަރުހަބާ ވެސް ދަންނަވާ ކަމަށް ވިދާޅުވިއެވެ. މިއީ ޑިމޮކްރެޓިކް ހަމަތަކަށް އިހުތިރާމްކުރާ، އަދި ރައްޔިތުންގެ އަޑުއެހުމަށް ތައްޔާރު ވެރިއެއްގެ ސިފައެވެ.
ރައީސް މުއިއްޒުގެ މިފަދަ އަމަލުތަކުން ރައްޔިތުންގެ ހިތްތަކުގައި އުފެދެނީ ވެރިކަމުގެ ތެރެއިން އިންސާފާއި ހައްލު ލިބޭނެ ކަމުގެ އުންމީދެވެ. ކޮންމެ ކަމަކަށް ވަކިވަކިން ސަމާލުކަން ދިނުމުގެ ސިޔާސަތަކީ، ހެޔޮވެރިއެއްގެ ދަށުގައި ދިރިއުޅުމުގެ ހިތްހަމަޖެހުން އިހުސާސްކުރުވާ މުހިންމު ބަދަލެކެވެ. ވެރިކަމާއި ރައްޔިތުންނާ ދެމެދު މިފަދަ ގާތް ގުޅުމެއް ދެމެހެއްޓިއްޖެނަމަ، ގައުމީ ތަރައްގީގެ މަގު ފަހިވެ، ރައްޔިތުންގެ ހާލަތު ރަނގަޅުވެގެންދާނެކަން ކަށަވަރެވެ. ހެޔޮވެރިއެއްގެ ވެރިކަމުގައި ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެމީހުންގެ އަޑު އަހައި، އެކަމަށް ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން ލިބުމެވެ.


