ފޭސް ތިނަކުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހު ގޯތިތަށް ހަވާލުކުރަނީ
8 ޑިސެމްބަރު 2025 - 05:13

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސަައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ޑިސެމްބަރު މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމައި، އެތަނުން ގޯތިތައް ލިބުނު ފަރާތްތަކަށް، ޖެނުއަރީ މަސް ތެރޭގައި ގޯތިތައް ހަވާލު ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާ އެކު ކަލާފާން ސްކޫލުގައި ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
މިދިޔަ ސަރުކާރުން ދޭން ނިންމާފައި ހުރި ގޯތިތަކާއި ގުޅޭގޮތުން ރައްޔިތުން ދެއްކި ވާހަަަކަތަކަށް އިޝާރަތް ކުރައްވަމުން ރައީސް ވިދާޅުވީ، ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ހިނގަމުންދާއިރު، ރައްޔިތުން އެތަނަށް ގޮސް ބެލުމުންވެސް އެކަން ފާހަގަވާނެ ކަމަށެވެ.
އަދި އެތަން ނިމުނުހާ އަވަހަކަށް، ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލު ކުރަމުންގެންދާނެ ކަމަށާއި، ރަޖިސްޓްރީވެސް ހަދަމުން ގެންދާނެ ކަމަށް ރައީސް ވިދާލުވިއެވެ. މީގެއިތުރުން ހުޅުމާލެ ފޭސް ދެއަކުން ގޯތި ލިބުނު ވަރަށް ގިނަ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދެވި، ދިރިއުޅުމަށް އެތަންތަން މިހާރު އިން ވަކިކޮށް ހަވާލުކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ ބިން އޮތްތަނަކުން ވިއްޔާ، އެވަނީ ގޯތި ހަވާލު ކުރެވިފައި، ނޫނީ ކުރަމުން އެ ދަނީ ފޭސް 3 ވެސް މި ދެންނެވިހެން ހިއްކާ ނިމުނީމަ، ވީހާވެސް އަަވަހަކަށް ހިއްކާ ނިމުނީމަ ޖެނުއަރީ މަސް ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނީ ގޯތިތައް ހަވާލު ކުރަން،". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެތަނުގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ ކަންކަން ކަމާ ބެހޭ ފަރާތްތަކުން ކުރިއަށްގެންދާ ކަމަށެވެ.އަދި މި ސަރުކާރުން އެއްވެސް ފަރާތެއްގެ އަތުން ގޯތި އަތުނުލާނެ ކަމަށް ރައިސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
މީގެއިތުރުން ބައެއް ތަންތަނުން ގޯތިތައް ދިނުން ލަސްވީ ޕްލޭނެއް ނެތި ކުރީ ސަރުކާރުން ގޯތިތައް ހަވާލު ކުރުމުންކަމަށާއި، މިގޮތުން ބައެއް ގޯތިތައް މަގުތައް މަތިންވެސް ދީފައިވާއިރު، ބައެއް ހިސާބުތަކުން ބިމު އަޑީގައި ހުރި ޔުޓިލިޓީ ސާވިސްތަކަށް ބަދަލު ގެންނަން ޖެހުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮންމެ ބިމެއްވެސް ތައްޔާރުވުމާއެކު ގޯތިތައް ދެމުންދާނެ ކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.


