ކަނޑުންނާއި ފަޅުން އެމްޑީޕީން ދިން ގޯތިތައް ބިމަށް، ހުރިހާ ޝުކުރެއް ރައީސް މުޢިއްޒަށް
8 ޑިސެމްބަރު 2025 - 14:17
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވުމުން، ވޯޓުގެ ބޭނުމުގައި، އެއިރު ވެރިކަމުގައި އޮތް އެމް.ޑީ.ޕީ.ގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯތިތަކުގެ ތެރެއިން ގިނަ ގޯތިތަކަކީ، ވުޖޫދުގައި ނެތް ނުވަތަ ކަނޑުންނާއި ފަޅުން ދިން ގޯތިތަކެކެވެ. މިއީ ހަމަ ''ނަމެއް''ގައި ދިން ގޯތިތަކެއް ކަމަށް ބުނެވޭ ސަބަބަކީ، ގިނަ ގޯތިތައް ހުންނާނެ ކަމަށް ބުނެފައިވާ ބިން، ލިޔުމުން ފިޔަވައި ޙަޤީޤަތުގައި ވުޖޫދުގައި ނެތުމެވެ.
މާޔޫސްކަމާއި އުންމީދުގެ އަލިކަން

Ad by Hajj Corporation
މިފަދަ ގޯތިތައް ލިބުނު ފަރާތްތައް ތިބީ ނުހަނު ބޮޑަށް މާޔޫސްވެފައެވެ. އެފަރާތްތަކުގެ އުންމީދު ފެނަށް ވެފައި ވަނިކޮށް، ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެފަރާތްތަކުގެ ހިތްތަކަށް ތަސައްލީއެއް ގެނެސްދެއްވާފައެވެ. އެމް.ޑީ.ޕީ.އިން ބަހާލި، ވުޖޫދުގައި ނެތް ގޯތިތައް ދިނުމަށް ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައި، އެ ގޯތިތައް ލިބޭނެކަމުގެ ކަށަވަރުކަން ދެއްވައިފައެވެ. އެ މަސައްކަތް ހަމަލޮލަށް އެބަ ފެނެއެވެ. އެތައް ގުނައެއް ހަލުވިވެފައިވާތަން ވެސް އެބަ ފެނެއެވެ.
ގޯތިތައް ދިނުމުގެ ކަންކަމާއި ގުޅޭގޮތުން ރައީސްގެ ވައުދުތަކާއި މަސައްކަތްތައް:
ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުން
ހުޅުމާލޭގެ ފޭސް 3 ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ވަރަށް ބާރަށް ކުރިއަށެވެ. ދެ ޑްރެޖަރެއް އެއްފަހަރާ ބޭނުންކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް، މި ޑިސެންބަރު މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގޯތި ލިބުނު ފަރާތްތަކަށް ގޯތި ނުލިބޭނެ ކަމަށް ހީކޮށް ތިބި ފަރާތްތަކަށް ފުރިހަމަ ޔަޤީންކަން ދެއްވައި ރައީސް ވިދާޅުވީ، ބިން ހިއްކައި ނިމުނުހާ އަވަހަކަށް، ޖަނަވަރީ މަސް ތެރޭގައި ގޯތިތައް ހަވާލުކޮށް ރަޖިސްޓްރީ ހަދަމުންދާނެ ކަމަށެވެ. މި ބިމުގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތައް
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހެދުމާއި، ގޯތިތައް ހަވާލުކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އިޢުލާން ކުރެވިގެން ބައެއް ފަރާތްތަކަށް ވަޑައިނުގެންނެވުނު ނަމަވެސް، މިނިސްޓްރީގެ ފަރާތުން ދަނީ އެފަރާތްތަކާ ގުޅުއްވަމުންނެވެ. އެއްވެސް ބޭފުޅެއްގެ ގޯއްޗެއް ކެންސަލެއް ނުކުރާނެ ކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފައިވަނީ، ބިމުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފުމަށާއި، ގޯތިތައް އަވަހަށް ހަވާލުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ފޮޓޯ: އެޗްޑީސީ
ގިރާވަރުފަޅު ހިއްކުން
ގިރާވަރުފަޅު މުޅިން ހިއްކާފައިނެތް ނަމަވެސް، އެތަން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ޕްލޭންކޮށް ތާވަލު ކުރެވިފައެވެ. ހުޅުމާލޭ ފޭސް 3 ހިއްކުމަށް ބޭނުންކުރާ ދެ ޑްރެޖަރުގެ މަސައްކަތް ނިމުމުން، އެ ދެ ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރުފަޅު ހިއްކާނެއެވެ. މި މަސައްކަތް ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި (ޖަނަވަރީ، ފެބުރުވަރީ، މާރިޗު) ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބިން ހިއްކާ ނިމުމުން، އެތަނުން ގޯތި ލިބުނު ފަރާތްތަކާ ގޯތިތައް ހަވާލުކުރާނެއެވެ. މިދިޔަ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދީފައިވަނީ، ލޭންޑް ޔޫސް ޕްލޭނެއް ނެތި، ފަޅު މުޅިން ހިއްކިއަސް ނުލިބޭނެ މިންވަރަށް ގޯތި ހިމެނޭ ގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލެވުނީ އެހެންވެއެވެ.
ގޯތިތައް ދިނުމުގައި ކުރިމަތިވި ގޮންޖެހުންތައް
މިދިޔަ ސަރުކާރުން ބިން އެވެއިލަބަލް ތަންތަނުން (ފޭސް 2 ފަދަ ތަންތަނުން) ގޯތި ދިނުމުގައި ދެ އަހަރު ދުވަހުގެ ލަސްވުމެއް އައި ސަބަބުތައް ރައީސް ސާފުކޮށްދެއްވިއެވެ. އެގޮތުން، މަގުތަކުގެ މައްޗަށް އަރާފައި ހުރުމާއި، ޕްލޭނަށް ބެލުމެއްނެތި ގޯތި ދީފައި ހުރުމާއި، ބިމުގެ އަޑީގައި ހުރި ޔޫޓިލިޓީ ސަރވިސްތަކަށް ބަދަލުތައް ގެންނަން ޖެހުމާއި، ކޮންސްޓްރަކްޝަން ސައިޓުތަކާއި ވެލިފުނިތައް ސާފުކުރަން ޖެހުން ފަދަ ގިނަ މައްސަލަތައް ހުރި ކަމަށް ވިދާޅުވިއެވެ.

ޔޫޓިލިޓީ ގާއިމުކުރުން
ގުޅީފަޅާއި، ހުޅުމާލޭ ފޭސް 3 ގައި ޔޫޓިލިޓީ (ފެނާއި، ކަރަންޓާއި، ނަރުދަމާ) ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ ބަޖެޓުން ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި މަސައްކަތް އެޗް.ޑީ.ސީ.އާއި، އެމް.ޑަބްލިޔޫ.އެސް.ސީ.އިން ކުރިއަށް ގެންދާނެއެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަންގެ 4000 ފްލެޓް
ފަހިދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އަޅަމުންގޮސް މިހާރު ނިމި، ހަވާލުކުރުމުގެ މަރުޙަލާގައިވާ 4,000 ފްލެޓް، ވަޢުދުވީ ގޮތަށް، ފައިނަލް ލިސްޓުގައި ހުރި ފަރާތްތަކަށް ދެމުން އެބަދެއެވެ. ކަރަންޓު ގުޅުން ފަދަ ކަންކަން ހަލުވިކަމާއެކު ކުރިއަށްގެންގޮސް، މިމަހުގެ ނިޔަލަށް މި 4,000 ފްލެޓް ލިބުނު ހުރިހާ ފަރާތްތަކަށް ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެޗް.ޑީ.ސީ.އާއި، ސްޓެލްކޯއާއި، ފަހިދިރިއުޅުން ކޯޕަރޭޝަނާއި، އެމް.ޑަބްލިޔޫ.އެސް.ސީ.އާއި، ފިނޭންސް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރު ގޯތި އަދި ފްލެޓް ދިނުން
އިތުރަށް ގޯތި ދިނުމާއި، ފްލެޓް ދިނުމަށްޓަކައި މިހާރު ވަނީ އުސޫލެއް އިޢުލާންކުރެވިފައެވެ. ގުޅީފަޅާއި، ގިރާވަރުފަޅާއި، ހުޅުމާލެއިން ބިން ހުސްވެފައި ވާއިރު، ރައީސްގެ ސަރުކާރުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދެވުމަށްޓަކައި އިތުރު ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އުތުރުތިލަފަޅު
ރިޔާސީ ބަޔާނުގައި ރައީސް އިޢުލާން ކުރެއްވި ގޮތަށް، އުތުރުތިލަފަޅު ހިއްކުމުގެ ފިޒިކަލް މަސައްކަތް މި އަހަރު ފެށޭނެއެވެ. މިތަނުން ގާތްގަނޑަކަށް 150 ހެކްޓަރުގެ ބިން ލިބޭނެއެވެ.
ރަސްމާލެ (ފުށިދިއްގަރުފަޅު)
މާލޭގެ އެންމެ ބޮޑު މައްސަލައަކީ ގޯތިގެދޮރުގެ މައްސަލަ ކަމުގައިވާތީ، އެންމެ ކައިރިން ހިއްކެން އޮތް ބޮޑު ފަޅަކީ ފުށިދިއްގަރުފަޅު ކަމުން، އެތަން ރަސްމާލެ ޑިވެލޮޕްމެންޓްގެ ގޮތުގައި މިހާރު ދަނީ ހިއްކަމުންނެވެ. އެތަނުން 1,000 ހެކްޓަރަށްވުރެ ގިނަ ބިން ހިއްކެމުންދާއިރު، ފުރަތަމަ 15,000 ގޯތި (1,250 އަކަފޫޓުގެ) ދޭނެއެވެ. އޭގެތެރެއިން 10,000 ގޯތި މާލޭގެ ރަށްވެހިންނަށް ކަނޑައަޅާފައިވާއިރު، 3,000 ގޯތި މާލޭގައި ދިރިއުޅޭތާ ގިނަދުވަސްވީ ރައްޔިތުންނަށް، އަދި 1,500 ގޯތި ކުދި ބިންތައް ހުރި ފަރާތްތަކުން މުޅި ގޯތި އެކީގައި ދޫކޮށްލާފައި، ކޮންމެ މީހަކަށް ގޯއްޗެއް ލިބޭގޮތަށް ކަނޑައަޅާފައިވެއެވެ. މައިމުޅަ ވެފައިވާ ފަރާތްތަކަށް ވަކި ކެޓެގަރީއެއް ހުންނާނެއެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް 4-5 މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އާ ފްލެޓްތައް
ހުޅުމާލޭ ފޭސް 3 ގައި ބާކީ އޮންނަ ބިމުގައި ގާތްގަނޑަކަށް 2,700 ފްލެޓް އަޅާނެއެވެ. އަދި ވިލިމާލޭގައި 300 ފްލެޓް (ބީ.އެމް.އެލް. ޕްރޮޖެކްޓް) އަޅާނެއެވެ. ޖުމްލަ 3,000 ފްލެޓް ބީ.އެމް.އެލް. ޕްރޮޖެކްޓްގެ ތެރެއިން އަޅާނެއެވެ. އިތުރު ފްލެޓްތައް މާލޭ ސިޓީގައި، ގުޅީފަޅުގައި އަޅަން ނިންމާފައިވާއިރު، އެތަންތާ 4,000 ފެލްޓް އަޅާނެއެވެ. އަދި މާލޭގައި އިތުރު 500 ފްލެޓް އަޅާނެއެވެ.
ހުރިހާ ޝުކުރެއް ރައީސް މުޢިއްޒަށް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، އެންމެ އިސްކަމެއް ދެއްވި ކަންތައްތަކުގެ ތެރޭގައި، ވުޖޫދުގައި ނެތް މި ގޯތިތައް ޙަޤީޤީ ބިމަކަށް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އެމަނިކުފާނުގެ ސަރުކާރުން ވަނީ އެ ގޯތިތައް ހުންނާނެ ކަމަށް ކަނޑައެޅިފައިވާ ސަރަޙައްދު ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ފަށާފައެވެ. މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ މަންޒަރު ހަމަލޮލަށް ފެންނަން އެބަހުއްޓެވެ. މިއީ، ލިޔުމުގައި ދީފައިވާ ގޯތިތައް ޢަމަލީ ގޮތުން ލިބޭނެކަމުގެ ކަށަވަރުކަން، އެ ގޯތި ލިބުނު ހާސްކުރި ފަރާތްތަކަށް ލިބިގެންދިޔަ ކަމެކެވެ. އެހެންކަމުން، މި ޢަމަލީ މަސައްކަތަށްޓަކައި، ރައީސް މުޢިއްޒަށް ހުރިހާ ޝުކުރެއް ހައްޤުވެގެންވެއެވެ.


