މަރާމާތަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ ހުޅުވައިފި
މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ ރައީސް ހުޅުވައި ދެއްވަނީ// ފޮޓޯ: ސިޓީ ކައުންސިލް
04 އޮކްޓޯބަރު 2024 - 06:58
މަރާމާތަށްަހު މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ ހުޅުވައިފިއެވެ.
މި މިސްކިތާއި ސަހަރާ ހުޅުވައި ދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހުރިޔާ އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއި، ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތުކުރުމަށް ބަންދުކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މި މަސައްކަތް ކުރިޔަށް ގެންދިއުމުގައި ވަރަށް ގިނަ ގިންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށް ސިޓީ ކައުންސިލުން މި މަސައްކަތް އަލުން ފެށީ މިއަހަަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން މި މަސައްކަތާ، ކުރިން ހަވާލުވި ދެ ކޮންޓަކްޓަރުންނަށް ފައިސާ ދިން ނަމަވެސް މަސައްކަތް އެދެވޭ ގޮތެއްގައި ކުރިޔަށް ނުދިއުމުގެ ސަބަބުން ކޮންޓެކްޓް ބާތިލްކޮށް މި މަސައްކަތް ނިންމާފައިވަނީ އައު ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކޮށްގެންނެވެ.
މި މަސައްކަތަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަމަށާއި މިގޮތުން އެލިއާ އިންވެސްޓްމެންޓް، އެޕޯލޯ އިންވެސްޓްމެންޓް، ހައިމަން ކޮންސްޓްރަކްޝަން، ބީ6 ކޮންސްޓްރަކްޝަން، ޕްރޯ އޭސީ އިންޖިނިއަރިންގެ ފަރާތުން ގިނަ އެހީތަކެއް ވެދީފައިވާކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.
އާސަހަރާ މިސްކިތާއި އާ ސަހަރާ މަރާމާތަށް ފަހު އަލުން ހުޅުވުމުން މާލެ ސިޓީގެ މާލެ އާއި ވިލިމާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބޭއްވުމަށް ހުޅުމާލެއަށް ގެންދިއުމަށް އުފުލަން ޖެހުނު ތަކުލީފުތަކަށް ނިމުމެއް އަންނާނެކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.