މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ "މަސްވެރިންގެ ގުންޒަރު" ރ. ދުވާފަރުގައި ފަށައިފި
10 ޑިސެމްބަރު 2025 - 06:16

45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ މަސްވެރިންގެ ފޯރަމް މިއަދު ރ. ދުވާފަރުގައި ފަށައިފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ބާއްވާ މަސްވެރިންގެ ފޯރަމް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުއެވެ.

Ad by Hajj Corporation
މަސްވެރިންގެ ފޯރަމްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި މި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދުވާފަރުގެ އިތުރުން އެކި ރަށްރަށުގެ މަސްވެރިން މި ފޯރަމްގައި ބައިވެރިވިއެވެ. މި ފޯރަމްގައި ނުވަ އަތޮޅަކުން 47 މަސްވެރިންނާއި މަސް ޕްރޮސެސްކުރާ ހަތަރު ކުންފުންޏަކުން ބައިވެރިވިއެވެ.
މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަގުސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ، ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް މި ފޯރަމްގައި މަޝްވަރާކުރާނެއެވެ.
މިއަދު ހެނދުނު ފެށި މަސްވެރިންގެ ފޯރަމުގައި، މަސްވެރިންނަށް ހުރި ދަތިތަކާއި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
މި ފޯރަމުގައި ވާހަކަ ދައްކަވަމުން ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ވުޒާރާއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


