48 ގަޑިއިރުން ފައިސާ ދައްކަން ފެށިތާ އަހަރެއްވީިއިރު މަސްވެރިންނަށް ޖަމާކުރި ފައިސާގެ އަދަދު ބިލިއަނަކާ ގާތަށް
10 ޑިސެމްބަރު 2025 - 11:29

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްވެރިން އަތުން ގަންނަ މަހަށް 48ގަޑިއިރުން ފައިސާ ދައްކަން ފެށިފަހުން މިހާތަނަށް ޖަމާކުރި އަދަދު ބިލިއަނަކާ ގާތްކޮށްފި އެވެ.
މިފްކޯގެ ފެސިލިޓީތަކަށާއި، ކެރިއަރުތަކުން މަސްވެރިން އަތުން ގަންނަ މަހަށް، މަސް ކިރާތާ 48 ގަޑިއިރުގެތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މަސްވެރިންނަށް 48 ގަޑިއިރުން ފައިސާ ދޫކުރަން ފެށީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މަސްވެރިންނަށް ފައިސާ ދޫކުރަނީ މިފްކޯއާއި، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އާއި މާލީ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

Ad by Hajj Corporation
މިފްކޯއިން އާއްުމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މަސްވެރިން ކިރުވާފައިވާ 58،510.59 ޓަނުގެ މަހަށް 900،322،300 (ނުވަ ސަތޭކަ މިލިއަން ތިން ލައްކަ ބާވީސް ހާސް ތިން ސަތޭކަ) ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި ސަރުކާރު ވެރިކަމަށް ވެރިކަމަށް އައިއިރު މިފްކޯގެ ބެކްލޮގްގައި 250 މިލިއަން ރުފިޔާއޮތެވެ. މި ސަރުކާރުން ވަނީ ބެކްލޮގް ކްލިއަރ ކޮށްރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތައް ފައިސާ ދޫކޮށްފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ އަދުގެ ސަރުކާރުގެ އިސްކަންދެއްވާ މުހިންމު ތަޞައްވުރެކެވެ. މި ތަޞައްވުރު ޙާޞިލްކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއްވެސް ފަށާފައެވެ.


