ޙައްޖު ޢުމްރާ ކޮންފަރެންސް ކާމިޔާބުކަމާ އެކީ ނިންމާލައިފި
11 ޑިސެމްބަރު 2025 - 15:45

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއަހަރުގެ ޙައްޖު ޢުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަންގައި މުހިންމު މަޢުޟޫތަކަށްވަނީ ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންގޮސްފައެވެ. މީގެއިތުރުން، ދީނީ ގޮތުން ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ލުއިފަސޭހަކާމާއި، އަޅުކަން އަދާކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނަގަޅުކުރުމާގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ވާހަކަދައްކަވާފައެވެ.
މި ކޮންފަރެންސް ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 ޖެހުމާ ހަމައަށެވެ.މިއަހަރުގެ މި ކޮންފަރެންސްގައި 100އަށްވުރެ ގިނަ ފަރާތާކުން ބައިވެރިވެފައިވާކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އޭގެތެރޭގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ބައިވެރިވެފައިވާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މި ކޮންފަރެންސުގައި ސަޢޫދީ ޢަރަބިއްޔާގެ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެފައިވެއެވެ. މިއީ، ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެކެވެ. ޙައްޖު ޢުމްރާ ކޮންފަރެންސްގައި އެ ބޭފުޅުންގެ ފަރާތުންވެސް ވަނީ ސެޝަންތަކެއް ކުރިއަށްގެންގޮސްފައެވެ.
މިއަހަރުގެ ކޮންފަރެންސްއާއެކު ޢުމްރާ ކުންފުނިތަކުން ދޭ ޚިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމަށް އެގްޒިބިޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އެގްޒިބިޝަން ކުރިއަށްދާނީ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 19:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަޙައްދުގައެވެ.

Ad by Hajj Corporation
ޙައްޖު ޢުމްރާ ކޮންފަރެންސްއަކީ ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތައް އެއް ތަނަކުން ބައްދަލުވެ، ދާއިރާއާ ގުޅޭ މުހިއްމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި، ކުންފުނިތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ކޮންފަރެންސްއެކެވެ. މިއީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބޭއްވި މިފަދަ ދެވަނަ ކޮންފަރެންސެވެ.
ރާއްޖޭގައި ބާއްވާ މިފަދަ ކޮންފަރެންސްތަކާއެކު، ކުރިއަށްއޮތްތަނުގައި ޙައްޖުވެރީންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.


