ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް މިދިޔަ މަހު 12 މިލިއަން ރުފިޔާ
15 ޑިސެމްބަރު 2025 - 06:58

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް މިދިޔަ މަހުެ އެކަނިވެސް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެފަދަ ފަރާތްތަކުގެ ތެރަޕީއަށް މިދިޔަ ނޮވެމްބަރު މަހު 12،389،980 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

Ad by Hajj Corporation
އޭގެތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ބިހޭވިއަރ ތެރަޕީއަށެވެ. އެގޮތުން 198 ފިރިހެނުންނާއި 73 އަންހެނުން ހިމެނޭހެން ޖުމްލަ 271 ފަރާތެއްގެ ތެރަޕީއަށް 3،518،250ރ ޚަރަދަުކޮށްފައިވެއެވެ. ދެން އެންމެ ބޮޑު ހޭދައެއް ކުރި އޮކިއުޕޭޝަނަލް ތެރަޕީއަށް 3،492،770ރ ޚަރަދުކޮށްފައިވާއިރު، ސައިކޯ ތެރަޕީއަށް 99،350ރ، އަރލީ އިންޓަވެންޝަންއަށް 9،000ރ، ސްޕީޗް ތެރަޕީއަށް 3.27 މިލިޔަން ރުފިޔާ، އެޑިއުކޭޝަނަލް ތެރަޕީއަށް 1.88 މިލިޔަން ރުފިޔާ އަދި ފިޒިއޯތެރަޕީއަށް 118،452ރ ޚަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން ބޭސްފަރުވާ އެހީގެ ޕްރޮގްރާމުގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 58 މީހުންނަށް 435،120 ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުން ދައްކައެވެ.
މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،938 މީހުން ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 5،050 ކުދިންނާއި 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،613 މީހުން ހިމެނެއެވެ. މީގެ އިތުރުން މި ދަފްތަރުގައި 65 އަހަރުން މަތީގެ 2،275 މީހުން ވެސް ރެޖިސްޓާކޮށްފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ ނުކުޅެންދުތެރިކަން ހުންނަ ކުދިންނާއި މީހުންނެވެ. އެއީ 4193 މީހުންނެވެ. އަދި އެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އަދަދު 3،372އަށް އަރާއިރު ސިކުނޑިއާ ގުޅުންހުރި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އަދަދު 1،871އަށް އަރައެވެ.
މީގެ އިތުރުން، ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ 2،059 ކުދީންނާއި މީހުންވެސް ހިމެނެއެވެ. މި ދަފްތަރުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1014 މީހުން ތިބިއިިރު އޯޓިޒަމް 588 މީހުންވެސް އެބަތިއްބެވެ. އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 56 މީހަކުވެސް މުި ދަފްތަރުގައި ތިބިކަމަށް އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.


