ފުލުހުންގެ އަސާސީ ތަމްރީނުން އެއްވަނަ ހޯދި ފުރަތަމަ އަންހެން ފުލުހަކަށް އިމްޝާ!
15 ޑިސެމްބަރު 2025 - 17:42

ފުލުހުންގެ ތަމްރީނެއްގައި އަންހެން ފުލުހަކަށް ކޯހުގެ ބެސްޓް އޯލް ރައުންޑްގެ މަގާމު ފުރަތަމަ ފަހަރަށް ލިބިއްޖެއެވެ.
މިކަން އިއުލާންކުރައްވާފައި ވަނީ 41 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. 41 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ބެސްޓް އޯލް ރައުންޑްގެ މަގާމަށް ހޮވިފައި ވަނީ ގއ. ގެމަނަފުށި އުމުރުން 22 އަހަރުގެ އިމްޝާ ޢަބްދުއްލަތީފްއެވެ.

Ad by Hajj Corporation
އަސާސީ ތަމްރީން ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅޭ ކޮންމެ ފުލުހަކުވެސް ފުރިހަމަ ކުރަންޖެހޭ މަޖުބޫރު ކޯހެކެވެ.
މި ކޯހުގެ 41 ބެޗުގެ ކިޔެވުން ނިމި އެތައްހާސް ފުލުހަކު މިހާތަނަށް ވަނީ ދަސްވެނިވެފައެވެ. ކޮންމެ ބެޗެއްގައިވެސް ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ނުވަތަ ބެސްޓް އޯލްރައުންޑް ހޮވާއިރު މިހާތަނަށް ހިންގި 40 ބެޗުގައިވެސް އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވިފައިވަނީ ފިރިހެން އޮފިސަރުންނެވެ.
ނަމަވެސް 41ވަނަ ބެޗުގައި އެންމެ މޮޅު ދަރިވަރުގެ މަޤާމް ހާސިލް ކުރީ ފަޚުރުވެރި އަންހެން އޮފިސަރ އިމްޝާއެވެ.
މިދިޔަ އޯގަސްޓް މަހު އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މަރުކަޒުގައި ފެށި މި ކޯހުގައި 210 ފުލުހުން ބައިވެރިވިއެވެ. ނަމަވެސް ކޯސް ފުރިހަމަ ކުރީ 185 ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ 107 ފިރިހެން ފުލުހުންނާއި 78 އަންހެން ފުލުހުންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނާވީނާއި، ބޭރުގެ ސަފީރުންނާއި، ފުލުހުންގެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


