ސިނގިރޭޓް ބޮޑުވައްކަމުގެ މައްސަލާގައި 10 މީހަކަށް ދައުވާކޮށްފި
15 ޑިސެމްބަރު 2025 - 18:23

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި 13 މިލިއަން ސިނގިރޭޓު ހިމެނޭ ދެ ކޮންޓެއިނަރު ވަގަށް ނެގި ބޮޑު މައްސަލައާ ގުޅިގެން 10 މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މި ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޑިސެންބަރު 15، 2025 ގައެވެ.

Ad by Hajj Corporation
މި މައްސަލައަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ރައްކާކޮށްފައި ހުރި ކޮންޓެއިނަރުތަކެއްގެ ތެރެއިން، 26 އެޕްރީލް 2025 ގައި ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގާފައިވާ މައްސަލައެކެވެ.
ފުލުހުން މި މައްސަލަ 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅީ 3 ޑިސެންބަރު 2025 ގައެވެ.
ޕީޖީ އޮފީހުން ބުނީ، މައްސަލާގައި ލިބިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށް، 10 މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން ނުވަތަ ވައްކަންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ވައްކަންކުރުމަށް ރޭވުމުގެ (މާއްދާ 82) އަދި ވައްކަންކުރުމުގައި ބައިވެރިވުމުގެ (މާއްދާ 30) ދައުވާތައް ވެސް ހިމެނެއެވެ. ދައުވާ އުފުލި ފަރާތްތަކުގެ ތެރޭގައި ދިވެހިންނާއި ބަންގްލަދޭޝް ރައްޔިތެއް ވެސް ހިމެނެއެވެ.
މިގޮތުން، ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި (ދިގަލި)، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފާއި (އާއްޓޭ)، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީގެ މައްޗަށް ވަނީ ވައްކަންކުރުމަށް ރޭވުމާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައެވެ. އަދި ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންގެ މައްޗަށް ވަނީ ވައްކަންކުރުމާއި ރޭވުމުގެ ދައުވާ އުފުލާފައެވެ. ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދުގެ މައްޗަށް ހަމައެކަނި ވައްކަންކުރުމުގެ ދައުވާ އުފުލާފައިވާއިރު، ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން އަދި ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ މުޙައްމަދު އަލަމިން މިއާގެ މައްޗަށް ވަނީ ވައްކަންކުރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައެވެ.
ނަމަވެސް، ފުލުހުން ދައުވާކުރުމަށް އެދުނު 11 މީހުންގެ ތެރެއިން ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިނުވާކަމަށް ފެންނާތީ، އޭނާގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ މީހުން، މި ކުށުގެ ޢަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބުކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
''އަދި މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި، ކުށުގެ ޢަމަލުގެ ޒާތާއި ބާވަތާއި، ޙައްސާސްކަމަށް ރިޢާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް މި އޮފީހުން ކޯޓުގައި އެދޭނަން'' ޕީޖީން ބުނެފަވެއެވެ.


