ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަން ރުފިޔާ ހޯދައިދީ، 17 މީހަކު ހައްޔަރުކޮށްފި
22 އޮކްޓޯބަރު 2026 - 17:39

ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން، ރާއްޖޭގައި ހިންގި ސްކޭމްގެ މައްސަލަތަކުގައި އާންމުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީ، 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ދުނިޔޭގެ 30 ގައުމަކާއި ބައިނަލްއަގުވާމީ އެކި އިދާރާތައް ގުޅިގެން ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުން ވެސް ވަނީ ބައިވެރިވެފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އަހަރުގެ ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ހިންގި ތިން މަސްދުވަހުގެ އޮޕަރޭޝަނުގައި، އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި އާންމުންނަށް 5،256،101.97 ރުފިޔާގެ މާލީ ގެއްލުން ލިބުނުއިރު، ފުލުހުން އެޅި އަވަސް ފިޔަވަޅުތަކާއި މާލީ އިދާރާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން 3،104،075.38 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ގެއްލުނު ކަމަށް ރިޕޯޓްކުރި ޖުމްލަ ފައިސާގެ 59.1 އިންސައްތައެވެ. މި ފައިސާ ހޯދިފައިވަނީ ކުށްކުރާ ފަރާތްތަކުން ފައިސާ ދައުރުކުރުމުގެ ކުރިން އެ ފައިސާ ހިފެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
މި މުއްދަތުގައި ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 މީހަކު ތުހުމަތުކުރެވޭ ފަރާތްތަކުގެ ގޮތުގައި ފާހަގަކުރެވި، އޭގެ ތެރެއިން 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ކުށްކޮށްގެން ހޯދާ ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށާއި ގެއްލުނު ފައިސާ ރައްކާތެރިކުރުމަށްޓަކައި، ބޭންކުތަކާ ގުޅިގެން ތުހުމަތުކުރެވޭ 1،088 ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ވަނީ ފްރީޒްކޮށްފައެވެ. މީގެ އިތުރުން އާންމުން ހޭލުންތެރިކުރުވުމަށްޓަކައި ޓީވީ ޕްރޮގްރާމްތައް ހިމެނޭހެން 34 ހަރަކާތެއް މި މުއްދަތުގައި ވަނީ ހިންގާފައެވެ.
ރާއްޖޭގައި އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގި ސްކޭމްތަކެވެ. އެގޮތުން 230 މައްސަލައެއް އެ ބާވަތުން ރިޕޯޓްކޮށްފައިވާއިރު، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 107 މައްސަލައަކާއި، ފަހަކަށް އައިސް އިތުރުވަމުން އަންނަ ބުކިން ކެންސަލްކުރުމާއި ރީފަންޑް ދިނުމުގެ ނަމުގައި ހިންގި 80 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. ހަމައެއާއެކު، އެކި އިދާރާތަކާއި މަޝްހޫރު ފަރާތްތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 43 މައްސަލައަކާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލައާއި، ހުއްދަނެތި އެކައުންޓުން މުއާމަލާތް ހިންގުމުގެ 27 މައްސަލައިގެ އިތުރުން ލޯބީގެ ގުޅުންތައް ދައްކައިގެން ފައިސާ ހޯދުމުގެ 8 މައްސަލައެއް ރެކޯޑްކުރެވިފައިވެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ހޯދުނު ކާމިޔާބީ
އިންޓަޕޯލް އާއި ގްލޯބަލް އެންޓި-ސްކޭމް އެލަޔަންސް (ގާސާ) އަދި ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ އަމިއްލަ 13 ކުންފުންޏަކާއި 30 ގައުމެއްގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކީ އޭއައި ބޭނުންކޮށްގެންނާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމެވެ. މި އޮޕަރޭޝަނުގެ ނަތީޖާތައް ރަސްމީކޮށް ހާމަކޮށްފައިވަނީ، އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު އދ. ގެ ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމާ ބެހޭ މުއާހަދާގެ 13 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.
ދުނިޔޭގެ ފެންވަރުގައި ހިންގި މި ހަރަކާތުގެ ތެރެއިން، އިންޓަނެޓް މެދުވެރިކޮށް މަކަރާއި ހީލަތް ހިންގުމަށް ކުރި 123.71 މިލިއަނަށް ވުރެ ގިނަ މަސައްކަތް ވަނީ ހުއްޓުވާފައެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ 39 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާއާއި ޑިޖިޓަލް އެސެޓް ދެނެގަނެވިފައިވާއިރު، އެކި ގައުމުތަކުން 960 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، 4،126 ބޭންކު އެކައުންޓަކާއި ސޯޝަލް މީޑިއާގެ 570 އަށް ވުރެ ގިނަ އެކައުންޓް ބަންދުކޮށް، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 29 ސްކޭމް ސެންޓަރެއް ވަނީ ރެއިޑްކޮށްފައެވެ.

-01.jpg&w=3840&q=75)
