ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން: ދެބައިކުޅަ އެއްބައި ހިއްކާ ނިމިއްޖެ
16 ޑިސެމްބަރު 2025 - 16:49

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ދެބައިކުޅަ އެއްބައި ބިން ހިއްކާ ނިންމައިފިއެވެ.
ހުއްޓިފައި އޮތުމަށްފަހު ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގައެވެ. އަދި މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އެއްފަހަރާ 2 ޑްރެޖަރެއް ބޭނުންކުރަން ފަށާފައެވެ.
އެޗްޑީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި 2 ޑްރެޖަރާއިއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ 31.5 ހެކްޓަރުގެ ބިން ހިއްކާ ނިމިފައެވެ. މަސައްކަތް ކުރިއަށްދާ ގޮތުން، މި މަޝްރޫޢު ނިމޭނެ ކަމަށް ލަފާކުރެވެނީ ކަނޑައެޅިފައިވާ މުއްދަތަށެވެ.
މާލެ ސަރަޙައްދުގައި ބޯހިޔާވަހި ކަމާއި ގުޅުންހުރި މަސައްކަތްތައް އަވަސް ކުރުމަށް ސަރުކާރުން ދަނީ، އަވަސް ފިޔަވަޅުތަކެއް އަޅުއްވާ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަވަމުންނެވެ. މި މަސައްކަތްތައް ބަލަހައްޓަވަމުން ގެންދަވަނީ، ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

Ad by Hajj Corporation
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ހިއްކާފައިވާ ބިން -- ފޮޓޯ: ޒިދާން މުޙައްމަދު/ މެންދުރު ޓީވީ
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މަސައްކަތް ކުރިއަށް ގެންދަނީ، ބޮސްކާލިސްގެ 22,000 ސީބީއެމްގެ ޑްރެޖަރެއްގެ އެހީގައެވެ.
މާފަންނުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ފޭސް 3 ހިއްކުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާ ގޯތިތައް ދޫކުރެވެން ފެށޭނެކަމަށެވެ.
މި ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމުމާއެކު، ގުޅީފަޅު ބިން ހިއްކުމަށް މި 2 ޑްރެޖަރު ބޭނުންކުރެވޭނެކަމަށާއި، ގާތްގަނޑަކަަށް ދެތިން މަސްދުވަހުގެ ތެރޭގައި ގުޅީފަޅުގެ ބިން އެއްކޮށް ހިއްކާ ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ހިއްކާފައިވާ ބިން -- ފޮޓޯ: ޒިދާން މުޙައްމަދު/ މެންދުރު ޓީވީ
މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ގެނައުމަށް 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނައިރު، ގުޅިފަޅުން ޖުމްލަ 277 ހެކްޓަރުގެ ބިން ހިއްކުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެތެރޭގައި ފުރަތަމަ ފިޔަވަހީގައި ހިއްކަން ނިންމި 192 ހެކްޓަރާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސަރަޙައްދުން އިތުރަށް ހިއްކުމަށް ނިންމެވި 85 ހެކްޓަރުގެ ބިންވެސް ހިމެނެއެވެ. މީގެ އިތުރުން ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ވަނީ އަވަސްކޮށްފައެވެ.


