ކާޑިފް ބަލިކޮށް އީއެފްއެލްކަޕްގެ ސެމީފައިނަލަށް ޗެލްސީ ދަތުުރުކޮށްފި
17 ޑިސެމްބަރު 2025 - 04:09

އީއެފްއެލް ކަޕްގެ ކުއާޓާ ފައިނަލުގައި ލީގު ވަން ޓީމެއް ކަމަށްވާ ކާޑިފް ސިޓީ އަތުން އުނދަގޫ މޮޅެއް ހޯދައި، ޗެލްސީން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ. މި މެޗު ޗެލްސީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ޗެލްސީއަށް މި މޮޅު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް އަލެހާންޑްރޯ ގާނާޗޯ އާއި ޕެޑްރޯ ނެޓޯއެވެ.
މިދިޔަ ހޮނިހިރު ދުވަހު އެވަޓަން އަތުން މޮޅުވި މެޗަށްފަހު، ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ މުޅި ޓީމަށް ބަދަލު ގެނެސްފައެވެ. މި ބަދަލުތަކުގެ ސަބަބުން ފުރަތަމަ ހާފުގައި ޗެލްސީއަށް ރަނގަޅު ކުޅުމެއް ދެއްކުމަށް ދަތިތަކެއް ކުރިމަތިވިއެވެ. އަނެއްކޮޅުން ކާޑިފްގެ އިސާކް ޑޭވިސްގެ ހުނަރުވެރި ކުޅުމުގެ ސަބަބުން ޗެލްސީގެ ގޯލަށް ގިނަ ނުރައްކާތަކެއް ކުރިމަތިވިއެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

Ad by Hajj Corporation
ދެވަނަ ހާފު ފެށުމާއެކު މަރެސްކާ ވަނީ ޖޯއާއޯ ޕެޑްރޯ އާއި ގާނާޗޯ ކުޅެން ނެރެ، މެޗުގެ މޮމެންޓަމް ޗެލްސީއާ ދިމާއަށް ބަދަލުކޮށްލާފައެވެ. ގާނާޗޯގެ ފުރަތަމަ ހަމަލާ ކާޑިފްގެ ގޯލްކީޕަރު ނޭތަން ޓްރޮޓް ދިފާޢުކުރި ނަމަވެސް، 57 ވަނަ މިނެޓުގައި ޗެލްސީން ލީޑު ނެގިއެވެ. މި ގޯލު ޖެހީ ގާނާޗޯއެވެ. ޑިލަން ލޯލޯރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފަކުންޑޯ ބުއޮނާނޮޓޭ ދިއްކޮށްލި ބޯޅަ ގާނާޗޯ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ޗެލްސީއަށް ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ އަދަބު އެ ޓީމަށް ލިބުނެވެ. 75 ވަނަ މިނެޓުގައި ޕެރީ އެންގް ވައިޕްކޮށްލި ބޯޅައަކުން ޑޭވިޑް ޓާންބަލް ވަނީ ކާޑިފްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ނަމަވެސް އަށް މިނެޓު ފަހުން ނެޓޯ ވަނީ ލޯ ޝޮޓެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައި ޗެލްސީއަށް އަލުން ލީޑު ހޯދައިދީފައެވެ. މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ގާނާޗޯ ވަނީ އޭނާގެ ދެވަނަ ގޯލު ޖަހާފައެވެ. މި ގޯލަކީ ވެސް ގޯލު ހުރަސްކޮށް އޭނާ ފޮނުވާލި ވަރުގަދަ ހަމަލާއެކެވެ.
މި މޮޅާއެކު ޗެލްސީ ވަނީ އީއެފްއެލް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅުނު ފަހުގެ ހަ މެޗުން ވެސް ކުރިއަށް ގޮސްފައެވެ. އަދި ކާޑިފްއާ ދެކޮޅަށް ކުޅުނު ފަހުގެ ހަ މެޗުން ވެސް ޗެލްސީ ވަނީ މޮޅުވެފައެވެ. މި ކާމިޔާބީއާއެކު ޗެލްސީ މިހާރު ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމުތަކުގެތެރޭގައި ނިއުކާސަލް އާއި އާސެނަލްގެ އިތުރުން މެންޗެސްޓަރ ސިޓީ ފާހަގަކޮށްލެވެއެވެ.


