ތިންވަނަ ޑިވިޝަނުގެ ޓީމެއްއަތުން އުނދަގޫ މޮޅެއް ހޯދައި ބާސާ ކަޕުގެ ގަދަ 16 އަށް
17 ޑިސެމްބަރު 2025 - 04:17

ކޮޕާ ޑެލް ރޭގެ ފަހު 16 ގެ ޖާގައެއް ބާސެލޯނާ އިން ކަށަވަރުކުރީ، ސްޕެއިނުގެ ތިންވަނަ ޑިވިޝަނުގެ ކުލަބެއްކަމަށްވާ ގުއަޑަލަޖާރާ އާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ބާސެލޯނާ އަށް ދެ ގޯލު ވެސް ޖެހުނީ މެޗުގެ ފަހު 14 މިނެޓުގެ ތެރޭގައި، އެންޑްރިއަސް ކްރިސްޓެންސަން އާއި މާކަސް ރޭޝްފޯޑް ޖެހި ގޯލުތަކުންނެވެ.
މެޗުގެ ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ގުއަޑަލަޖާރާގެ ގޯލްކީޕަރު ޑާނީ ވިސެންޓޭ އަށް ގޯހެއް ހެދުމުން ބާސެލޯނާ އަށް ގޯލެއް ޖަހަން ފުރުސަތު ލިބުނެވެ. އެރިކް ގާސިއާ ފޮނުވާލި ބޯޅަ ގޯލު ރޮނގު ހުރަސްކުރުމުގެ ކުރިން ކީޕަރުވަނީ ހުއްޓުވާލާފައެވެ. އޭގެފަހުން ގުއަޑަލަޖާރާ އިން ވަނީ ބާސެލޯނާގެ އެޓޭކްތައް ހުއްޓުވައި މޮޅުކުޅުމެއް ދައްކާފައެވެ.

Ad by Hajj Corporation
ނަމަވެސް، ދެ ވަނަ ހާފަށް ބާސެލޯނާ ނުކުތީ އާ ހިތްވަރަކާ އެކުއެވެ. އެންމެ ފަހުން 76 ވަނަ މިނެޓުގައި ފްރެންކީ ޑީ ޔޮންގް ނަގައިދިން ހުރަހަކުން ކްރިސްޓެންސަން ބޮލުން ފޮނުވާލި ބޯޅަ، ޖޫލިއޯ މާޓިނޭޒްގެ ފައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި ރޭޝްފޯޑް ވަނީ ޔަމާލް ދިން ބޯޅައެއް ކީޕަރު ވިސެންޓޭ ކައިރިން ނައްޓާލައި ހުސް ގޯލަށް ބޯޅަ ވައްދާލައި މެޗުގެ ނަތީޖާ ކަށަވަރުކޮށްފައެވެ.


