logo
E-Platinum
ޚަބަރު

ފެށޭ ހަފްތާގެ ތެރޭގައި ވިލިމާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ފަށަނީ

އާމިނަތު ޝަފާ
5 އޮކްޓޯބަރު 2024 - 04:23
މާލޭގެ މޭޔަރު އާދަމް އާޒިމް// ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގެ މޭޔަރު އާދަމް އާޒިމް// ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސަރަހައްދުގެ މަގުތައް މަރާމާތުކުރަން މާލޭ ސިޓީ ކައުންސިލުން މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން ވިލިމާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ފެށޭ ހަފްތާގައި ފައްޓަވާނެކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މަރާމާތަށް ފަހު މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ އިއްޔެ ހުޅުވާފައިވާއިރު އެ ސަރަހައްދުގައި ހުންނަވައި "މެންދުރު އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވީ މާލެ ސަރަހައްދުގެ މަގުތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ސިޓީ ކައުންސިލުން ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރަމުން އަންނަކަމަށެވެ.

"މިދިޔަ މަހާ ބުރާސްފަތި ދުވަހާއެކު ވަރަށް ގިނަ އަދަދެއްގެ ގައު އަޅުގަނޑުމެން ގަނެފިން. އެއީ މަގުތައް މަރާމާތުކުރަން އާރްޑީސީއާ ހަވާލުކުރަން. އަޅުގަނޑުމެން މަގުތައް މަރާމާތުކުރާއިރު މި އިސްކަންދެނީ ވަރަށް ބޮޑަށް ހަލާކުވެފައިހުރި ބޮޑެތި މަގުތަކާއި، ހޮސްޕިޓަލުތަކާއި، ސުކޫލުތައް ކައިރި މަގުތައް މަރާމާތުކުރުމަށް."

މޭޔަރު ވިދާޅުވީ މަރާމާތުކުރަމުން ދަނީ ހަމައެކަނި މަގުތަކުގެ ދުއްވާބައި އެކަނި ނޫންކަމަށާއި ދުވާރުތައްވެސް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"ވިލިމާލެއަށް ބަލާއިރު ވިލިމާލެއަކީ ހިނގާފައި އުޅޭ ތަނަކަށް ވުމާއެކު އަންނަ ހަފްތާގައި ވިލިމާލޭގެ މަގުތައްވެސް މަރާމާތުކުރުމުގެ މަސައްކަތް ފެށޭނެ."

މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ކައުންސިލަށް ބަޖެޓުގެ ތާށިކަމާއި، މުވައްޒަފުންގެ ދަތިކަން ދިމާވެފައިވާކަމަށެވެ. އެހެންނަމަވެސް ކަމެއް ދަތިވުމަކީ ކުރަންހުރި މަސައްކަތްތައް ހުއްޓާލުމަށްފަހު ފަހަތަށްޖެހުން ނޫންކަމަށާއި ވިސްނުންހުރީ ލިބެންހުރި ވަސީލަތްތަކުން ރައްޔިތުންނަށް ނަތީޖާ ނެރެދިނުމަށްކަމަށް މޭޔަރު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަން މަދު ވަސީލަތްތަކުން ގިނަ މަސައްކަތްތަކެއް ކުރެވިދާނެކަމަށް. އެއީ ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން މަސައްކަތް ކުރެވެއްޖެނަމަ ފައިދާ ހުރި މަސައްކަތްތަކެއް ކުރެވޭނެ."

މާލެއާއި ވިލިމާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރާއިރު މި މަގުތައް އަލުން ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ޗައިނާ ސަރުކާރުގެ ފަރާތުންވެސް މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ހިލޭ އެހީ ހަމަޖައްސަވައިދެއްވާނެކަން ވަނީ ރާއްޖޭގެ ސަރުކާރަށް ދަންނަވާފައެވެ.

ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވުމަށް އެއްބަސްވި ހިލޭ އެހީގެ ބޮޑުބައެއް ހޭދަކުރެއްވުމަށް ނިންމަވާފައިވަނީ މާލޭގެ މަގުތައް ތަރައްގީކުރުމަށްކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ކާނިވަލެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ ޚަބަރު | 7 ދުވަސް ކުރިންމާލޭގައި ލައްކައަކަށްވުރެ ގިނަ އުޅަނދު، މިއީ ނުކަތާ ވަރުގެ އަދަދެއް - މިނިސްޓަރ ޚަބަރު | މަހެއް ކުރިންބޮޑުތަކުރުފާނު މަގު ހެދުމަށް އާންމުންގެ ހިޔާލު ހޯދަނީޚަބަރު | 2 މަސް ކުރިންފާޑުކިޔުންތަކާ ހެދި މާފަންނު ސަހަރާގައި ހެދި ބައިބަލާ ކޯޓު ނަގައިފިޚަބަރު | 4 މަސް ކުރިން