ސަޕޯޓަރުންގެ ޕްރެޝަރާހެދި ފީފާއިން ވޯލްޑްކަޕްގެ ޓިކެޓްތައް ބޮޑުތަނުން އަގުހެޔޮކޮށްފި
17 ޑިސެމްބަރު 2025 - 04:32

ފީފާ އިން ވަނީ ދުނިޔޭގެ ފެންވަރުގައި ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، ޓީމުތަކުގެ ސަޕޯޓަރުންނަށް ޚާއްސަކޮށް ވޯލްޑް ކަޕްގެ ބައެއް ޓިކެޓްތަކުގެ އަގު ކުޑަކޮށްފައެވެ. މިގޮތުން، ފައިނަލް މެޗުގެ ޓިކެޓަށް 4،185 ޑޮލަރު ދައްކަން ޖެހުމުގެ ބަދަލުގައި ބައެއް ސަޕޯޓަރުންނަށް 60 ޑޮލަރަށް ޓިކެޓް ލިބޭނެއެވެ.
ފީފާ އިން އަންގާރަ ދުވަހު ބުނީ، އުތުރު އެމެރިކާގައި ބާއްވާ މި މުބާރާތުގެ ކޮންމެ މެޗަކަށް 60 ޑޮލަރުގެ ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ. މި ޓިކެޓްތައް ދޫކުރާނީ މުބާރާތުގައި ކުޅޭ ގައުމީ ފެޑެރޭޝަންތަކަށެވެ. އެ ފެޑެރޭޝަންތަކުން ނިންމާނީ އެ ޓިކެޓްތައް ގައުމީ ޓީމަށް ވަފާތެރި، ގޭގައި އަދި ބޭރުގައި ކުރިން ބޭއްވި މެޗުތަކަށް ހާޒިރުވެފައިވާ ސަޕޯޓަރުންނަށް ބަހާނެ ގޮތެވެ. ފީފާ އިން މިހާރު މި ކެޓަގަރީއަށް ކިޔަނީ “ސަޕޯޓަރު އެންޓްރީ ޓިއަރ” ޕްރައިސް ކެޓަގަރީއެވެ. ކޮންމެ މެޗަކަށް ލިބޭ 60 ޑޮލަރުގެ ޓިކެޓްތަކުގެ އަދަދު ހުންނާނީ ލިމިޓުކޮށެވެ.

Ad by Hajj Corporation
ފީފާ އިން މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ސީދާ ސަބަބެއް ނުބުނެއެވެ. ނަމަވެސް، އެ އިދާރާ އިން ބުނީ މި އަގުތައް ކުޑަކުރީ “މުބާރާތުގައި ގައުމީ ޓީމުތަކަށް ސަޕޯޓްކުރުމަށް ދަތުރުކުރާ ސަޕޯޓަރުންނަށް އިތުރަށް އެހީތެރިވުމަށް” ކަމަށެވެ. އުތުރު އެމެރިކާގައި ބާއްވާ މި ވޯލްޑް ކަޕަކީ 32 ޓީމުގެ ބަދަލުގައި 48 ޓީމު ބައިވެރިވާ ފުރަތަމަ އެޑިޝަނެވެ. މި މުބާރާތުން ފީފާ އަށް މަދުވެގެން 10 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
ފާއިތުވި ހަފްތާގައި ފީފާގެ ޓިކެޓް ވިއްކުމުގެ ޕްލޭން ފެނި ޓިކެޓްތަކުގެ އަގުބޮޑުވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓަރުން ވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ. އެއީ ބައިވެރިވާ ޓީމުތަކަށް އެންމެ ކުޑަ އަގުގެ ކެޓަގަރީގެ ޓިކެޓްތައް ނުލިބުމުންނެވެ. އެންމެ އަގުހެޔޮ ޓިކެޓްތަކުގެ އަގު ހުރީ ގްރޫޕް ސްޓޭޖްގެ މެޗުތަކަށް 120 ޑޮލަރާއި 265 ޑޮލަރާ ދެމެދުގެ އަގުތަކުގައެވެ. އެއީ މުބާރާތް ބާއްވާ ގައުމުތައް ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ނުކުޅޭ މެޗުތަކަށެވެ.
މި މުބާރާތް ބޭއްވުމުގެ ބިޑް ހުށަހެޅިއިރު ޓިކެޓްތައް ވަރަށް ބޮޑުތަނުން އަގުހެޔޮކޮށް ލިބޭނެކަމަށް ބުނިނަމަވެސް ފީފާ އިން ކުރިން ކަނޑައަޅާފައިވާ އަގުތައް ހުރީ އެ އަގުތަކަށް ވުރެ މާ މަތީގައެވެ.


