ވޯލްޑްކަޕް 2026: މުބާރާތުގެ ކަވަރެޖް ފުޅާކުރުމަށް ޓިކްޓޮކް އާއި ފީފާ އިން "ޕްރިފަރޑް ޕްލެޓްފޯމް" އެއްބަސްވުމަކަށް!
10 ޖެނުއަރީ 2026 - 12:25

އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި 2026 ވަނަ އަހަރު ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕް ހުރިހާ ގޮތަކުން ވެސް ތަފާތު މުބާރާތަކަށް ވާނެ ކަމަށް ފީފާއިން ބުނެފިއެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބުރާތެވެ. އަދި އެންމެ ގިނަ ބަޔަކު ބަލާ، އެންމެ ފޯރިގަދަ މުބާރާތެވެ.

Ad by Hajj Corporation
މުޅި ދުނިޔެ ވެސް އެ މުބާރާތަކަށް އިންތިޒާރު ކުރަމުން އަންނަ ފީފާ ވޯލްޑް ކަޕް 2026 ތަފާތުވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެ މުބާރާތް ތަފާތުވާ މައިގަނޑު ދެ ސަބަބަކީ ތިން ގައުމެއްގައި ބާއްވާ ފުރަގަމަ މުބާރާތަށްވުމާއި 48 ޓީމު ބައިވެރިކޮށްގެން ކުޅޭ ފުރަތަމަ މުބާރާތަށް ވުމެވެ.
ކޮންމެއަކަސް ފޯރިގަދަ މުބާރާތަކަށް މި މުބާރާތް ވެގެންދާއިރު، މިހާރު މިވަނީ މުބާރާތް ބަލާލަން ބޭނުންވާ ފަރާތްތަކަށް އިތުރަށް ފަސޭހައިން މެޗުތައް ބަލާލެވޭނެ ގޮތްތަށް މަގު ފަހިވެގެންގޮސްފައެވެ.
އެގޮތުން މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެންމެ މަޝްޙޫރު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްކަމަށްވާ ޓިކްޓޮކް އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާ ދެމެދު މިވަނީ "ޕްރިފަރޑް ޕްލެޓްފޯމް" އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމާއި އެކު އުފެދުނު މި އައު ޕާޓްނަރޝިޕްގެ ސަބަބުން، ފީފާ ވޯލްޑް ކަޕް 2026™ ގެ ފޯރި އިތުރަށް ގަދަވެ، އެ މުބާރާތުގެ ހަރަކާތްތައް މެޗުތައް ބަލާ ސަޕޯޓަރުންނަށް ގާތްކަން އުފައްދައިދޭނެ އެވެ.
މި އެއްބަސްވުމާއި އެކު ޓިކްޓޮކް ވެގެންދާނީ ފީފާގެ އެންމެ ފުރަތަމަ "ޕްރިފަރޑް ޕްލެޓްފޯމް" ނުވަތަ އެންމެ އިސްކަންދޭ ޑިޖިޓަލް ޕްލެޓްފޯމަށެވެ. މީގެ ސަބަބުން ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިވެ، ޓިކްޓޮކް މެދުވެރިކޮށް ފީފާ ވޯލްޑް ކަޕް 2026 ގެ ފުރިހަމަ ކަވަރޭޖެއް ބެލުންތެރިންނާއި ހަމައަށް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ އަސްލު ކޮންޓެންޓް ހިމެނޭއިރު، މުޅި މުބާރާތުގެ ތެރޭގައި ސަޕޯޓަރުންނާއި ކްރިއޭޓަރުން އެންމެ ބޮޑަށް ބަރޯސާވާނެ ތަނަކަށް ޓިކްޓޮކް ވެގެންދާނެއެވެ.
މި އެއްބަސްވުމަކީ 2023 ވަނަ އަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕްގައި ޓިކްޓޮކާއި ފީފާ ގުޅިގެން ހޯދި ކާމިޔާބީގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ކަމެކެވެ. އެ މުބާރާތުގެ ކޮންޓެންޓަށް އެތައް ބިލިއަން ވިއުސްއެއް ލިބިފައިވެއެވެ. މިފަހަރުގެ ވޯލްޑްކަޕަށް ވެސް އެފަދަ އެއްބަސްވުމެއް ހަދާފައިވަނީ އެ ކުރިއެރުމަށް ބަލާފަ އެވެ.
2026 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދާ މި ޕާޓްނަރޝިޕްގެ ސަބަބުން، ޓިކްޓޮކްގައި ހަރަކާތްތެރިވާ ފީފާ ވޯލްޑް ކަޕް 2026 ގެ ރަސްމީ މީޑިއާ ޕާޓްނަރުންނަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މީގެ ތެރޭގައި މެޗުތަކުގެ ބައެއް ބައިތައް ލައިވް-ސްޓްރީމް ކުރުމާއި، މުހިންމު ކްލިޕްތައް ހިއްސާކުރުމާއި، ފީފާ އިން ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކުރާ ކޮންޓެންޓް ބޭނުންކުރުމުގެ ފުރުސަތު ހިމެނެއެވެ.
ބްރޯޑްކާސްޓަރުންނަށް ޓިކްޓޮކްގެ ޕްރީމިއަމް އިޝްތިހާރުގެ ވަސީލަތްތައް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ލިބޭނެއެވެ. މީގެ އިތުރުން، ފީފާގެ ފިކުރީ މުދާ ރައްކާތެރިކުރުމަށްޓަކައި ޕައިރަސީއާ ދެކޮޅު ސިޔާސަތުތައް ޓިކްޓޮކުން ތަންފީޒުކުރާނެއެވެ.
"ފީފާގެ އަމާޒަކީ ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި ވީހާވެސް ގިނަ ސަޕޯޓަރުންނާ ހިއްސާކުރުން. ކުޅިވަރުގެ ތާރީޚުގައި ބޭއްވޭ އެންމެ ބޮޑު މި ހަރަކާތުގައި އެ މަގްސަދު ހާސިލުކުރުމަށް ޓިކްޓޮކް 'ޕްރިފަރޑް ޕްލެޓްފޯމް' އެއްގެ ގޮތުގައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑުމެން ދެކެން،" ފީފާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޯމް ވިދާޅުވިއެވެ.
"މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނާއި ފީފާ ވޯލްޑް ކަޕާ މީގެ ކުރިން ދުވަހަކުވެސް ގުޅުވައިނުދޭ ފަދަ އައު އަދި އުފެއްދުންތެރި ގޮތަކަށް ގުޅުވައިދޭނެ ކަމެއް. ފުޓްބޯޅަ ކުރިއަރައި ތަރައްގީވަމުންދާއިރު، އެކަން އިޝްތިހާރުކޮށް މީހުންނާ ހަމައަށް ފޯރުކޮށްދޭ ގޮތްވެސް ބަދަލުވާންޖެހޭ." އޭނާ ވިދާޅުވި އެވެ.
މި ޕާޓްނަރޝިޕްގެ މައިގަނޑު އަސާސަކީ ޓިކްޓޮކްގެ ފީފާ ވޯލްޑް ކަޕް 2026 ހަބެވެ. 'ޓިކްޓޮކް ގޭމްޕްލޭން' (TikTok GamePlan) މެދުވެރިކޮށް ހިންގާ މި ހަބުން 48 ޓީމު ބައިވެރިވާ މި މުބާރާތުގެ ފޯރިގަދަ ކޮންޓެންޓްތަކާއި، މެޗު ޓިކެޓާއި ބަލާނެ ގޮތުގެ މައުލޫމާތު ލިބޭނެއެވެ. އަދި ކަސްޓަމް ސްޓިކާ، ފިލްޓަރު އަދި ގޭމިފިކޭޝަން ފަދަ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުވެސް ސަޕޯޓަރުންނަށް ލިބިގެންދާނެއެވެ.
ފުރަތަމަ ފަހަރަށް، ޓިކްޓޮކް އާއި ފީފާ ގުޅިގެން ވަރުގަދަ ކްރިއޭޓަރ ޕްރޮގްރާމެއް އެކުލަވާލާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ ޓިކްޓޮކް ކްރިއޭޓަރުންނަށް، މީގެ ކުރިން ނުލިބޭ ފަދަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ޕްރެސް ކޮންފަރެންސްތަކާއި ފަރިތަކުރުންތައް ފަދަ މަންޒަރުތައް ހިމެނޭހެން، މުބާރާތުގެ ފަހަތުގައި ހިނގާ މުހިންމު ކަންކަން ކައިރިން ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ސަބަބުން، ފޭނުންނަށް ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ޓިކްޓޮކް މެދުވެރިކޮށް ތަފާތު އަދި ގާތް ގޮތަކަށް ފެނިގެންދާނެއެވެ. މީގެ އިތުރުން، ގިނަ އަދަދެއްގެ ކްރިއޭޓަރުންނަށް ފީފާގެ އާކައިވް ފޫޓޭޖް ބޭނުންކުރުމާއި އޭގެ އެހީގައި އައު އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުސަތު ލިބޭނެއެވެ.
"ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ޓިކްޓޮކްގައި ފުޓްބޯޅައިގެ މަގުބޫލުކަން ވަނީ މުޅި ދުނިޔޭގައި ވަރަށް ބޮޑަށް އިތުރުވެފައި. އަދި ފީފާގެ އެންމެ ފުރަތަމަ 'ޕްރިފަރޑް ޕްލެޓްފޯމް' ގެ ހައިސިއްޔަތުން، ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި ހަމައެކަނި 90 މިނެޓުގެ ކުޅިވަރަށް ވުރެ ބޮޑަށް، ހާއްސަ ކޮންޓެންޓާއި ކްރިއޭޓަރުންނަށް ލިބޭ ތަފާތު ފުރުސަތުތަކާއެކު ފޭނުންނަށް ތަޖުރިބާކުރެވޭނެތީ އަޅުގަނޑުމެން ވަރަށް އުފާވޭ،" ޓިކްޓޮކްގެ ގްލޯބަލް ހެޑް އޮފް ކޮންޓެންޓް، ޖޭމްސް ސްޓެފަޑް ވިދާޅުވިއެވެ.
ޖޭމްސް ސްޓެފަޑް ވިދާޅުވި ގޮތުގައި ފީފާ އާއި އެކު ވެވުނު މި އެއްބަސްވުމަކީ ޓިކްޓޮކްގެ ވިޔަފާރި އިތުރު ހަރުފަތަކަށް އުފުލިގެންދާނޭ ކަމެއް ކަމަށެވެ.


