އެއާ ކާގޯ ޑެމަރޭޖް ނާރާ ވަގުތު 124 ގަޑިއިރަށް އިތުރުކުރަން ރައީސް ނިންމަވައިފި
17 ޑިސެމްބަރު 2025 - 19:40

ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ޑެމަރޭޖް ނުވެ ބެހެއްޓޭނެ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ދިގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި، ވިޔަފާރިވެރިންގެ ޝަކުވާތަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation
ވިޔަފާރިވެރިން ވަނީ ވައިގެ މަގުން ގެންނަ މުދާ ކްލިއާކުރުން ލަސްވެ، ޑެމަރޭޖްގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާ ރައީސަށް ހުށަހަޅާފައެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާ ކަމަށް ވެސް އެމީހުން ފާހަގަކުރިއެވެ.
މި ޝަކުވާތަކާ ގުޅިގެން، ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެއާ ކާގޯ ޑެމަރޭޖް ނުވެ ބެހެއްޓޭ ވަގުތު އިތުރުކުރަން ނިންމެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކަމާބެހޭ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ. މި ބަދަލާއެކު، ޑެމަރޭޖް ނާރާ މުއްދަތު 44 ގަޑިއިރަށް އިތުރުވެގެން ދިޔައީއެވެ.
މީގެ އިތުރުން، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އިތުރު ބަދަލެއް ގެންނެވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން، ކަސްޓަމްސްގެ ހިދުމަތް ދޭ ވަގުތު މިހާރު އޮންނަ 18 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިޔަފާރިވެރިންނަށް ވިދާޅުވެފައެވެ.
މި ބަދަލުތަކުގެ ސަބަބުން މުދާ ކްލިއާކުރުމުގެ މަސައްކަތް އަވަސްވެ، ވިޔަފާރިތަކަށް ދިމާވާ ލަސްވުންތައް ކުޑަވެގެން ދާނެ ކަމަށް ބެލެވެއެވެ.


