ޕީއެސްޖީއިން ފުރަތަމަ ފަހަރަށް ފީފާގެ މުބާރާތެއް ކާމިޔާބުކޮށްފި
18 ޑިސެމްބަރު 2025 - 04:21

ޤަޠަރުގައި ކުޅުނު ފީފާ އިންޓަކޮންޓިނެންޓަލް ކަޕްގެ 2025 ގެ ފައިނަލްގައި، ޕެނަލްޓީ ޝޫޓްއައުޓަކުން ބްރެޒިލްގެ ކޮޕާ ލިބަރޓަޑޯރެސް ޗެމްޕިއަން ފްލެމެންގޯ ބަލިކޮށް ޕީއެސްޖީން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މެޗު 1-1 އިން ނިމުމުން ޕެނަލްޓީއަށް ދިޔައިރު، ޔޫރަޕްގެ ޗެމްޕިއަނުންނަށް މި ފުރަތަމަ ގްލޯބަލް ޓައިޓަލް ހޯދައިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ގޯލްކީޕަރު މެޓްވޭ ސާފޮނޯއެވެ. އޭނާ ވަނީ ފްލެމެންގޯގެ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ސަލާމަތްކޮށްފައެވެ.
މި މެޗުގައި ލޫކަސް ޗެވަލިއާގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ފެނިގެންދިޔަ ރަޝިޔާގެ ކީޕަރު ސާފޮނޯގެ ހިތްވަރުން ޕީއެސްޖީން މި ތަށި ހޯދިއިރު، މެޗުގެ ކުރީކޮޅު ޕީއެސްޖީން ވަނީ ވަރަށް ބޮޑަށް ޕްރެޝަރު ކުރަން ފަށާފައެވެ. އެގޮތުން 38 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ލިބުނެވެ. ޑެޒިރޭ ޑޫއޭ ނަގައިދިން ހުރަހެއް ކީޕަރު އަގަސްޓިން ރޮސީ އަތުން ދޫވެގެން ދިޔުމުން، ކްވިޗާ ކްވަރަޓްސްޚެލިއާ ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލަށް ފޮނުވާލާފައެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައި ފްލެމެންގޯއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 60 ވަނަ މިނެޓުގައި މާކީނިއޯސް ކުރި ފައުލަކަށް ދިން މި ޕެނަލްޓީ، ޖޯޖީނިއޯ ވަނީ ކާމިޔާބުކޮށްފައެވެ. ލުއިސް އެންރިކޭ ވަނީ މެޗުގެ ނިމުމުގެ މިއަހަތރުގެ ފީފާގެ މޮޅުކުޅުންތެރިޔާ އުސްމާން ޑެމްބެލޭ ކުޅެން އަރުވާފައެވެ. ނަމަވެސް އިތުރު ގޯލެއް ނުޖެހި މެޗު ނިމުމުން، ނަތީޖާ ނެރުނީ އިތުރު ވަގުތަށްފަހު ޕެނަލްޓީ ޝޫޓްއައުޓުންނެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ޕީއެސްޖީގެ ޑެމްބެލޭ އަދި ބްރެޑްލީ ބާކޯލާ ޕެނަލްޓީ ބޭކާުވިނަމަވެސް، ޕީއެސްޖީގެ ކީޕަރު ސާފޮނޯގެ މޮޅު ކުޅުމުގެ ސަބަބުން ފްލެމިންގޯގެ ފަސް ޕެނަލްޓީގެ ތެރެއިން 4 ޕެނަލްޓީ ސޭވްކުރިއެވެ. މި ކާމިޔާބީއާއެކު ޕީއެސްޖީއަށް ވަނީ ފްރާންސްގެ ފުޓްބޯޅައިގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގްލޯބަލް ޓައިޓަލްއެއް ލިބިފައެވެ.
މިދިޔަ ޖުލައި މަހު ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ޗެލްސީ އަތުން ބަލިވި ނަމަވެސް، ޕީއެސްޖީއިން މިހާރު ވަނީ 2025 ވަނަ އަހަރުގެ ތެރޭގައި ފަސް މުހިއްމު ތަށި ހޯދާފައެވެ. އެއީ ލީގް 1، ކޫޕް ޑެ ފްރާންސް، ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި އިންޓަކޮންޓިނެންޓަލް ކަޕެވެ. މީގެ ކުރިން އިންޓަކޮންޓިނެންޓަލް ކަޕް ނުވަތަ ކްލަބް ވޯލްޑް ކަޕް ވެސް ފްރާންސްގެ އެއްވެސް ކްލަބަކަށް ކާމިޔާބުކޮށްފައި ނުވާތީ، މިއީ ޕީއެސްޖީ އަދި ފްރާންސްގެ ފުޓްބޯޅައަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ


