ކުލަބް ވޯލްޑްކަޕްގެ ބަދަލުހިފައި ދެވަނަ ލެގުގެ ކުރިން ޕީއެސްޖީއަށް ބޮޑު މޮޅެއް
12 މާރިޗު 2026 - 04:30

ނިމިދިޔަ ކްލަބް ވޯލްޑްކަޕް ފައިނަލް މެޗުގައި ޗެލްސީއަތުން ބަލިވި މެޗުގެ ބަދަލު ހިފައި ޕީއެސްޖީއިން ޗެންޕިއަންސް ލީގުގައި ޗެސްލީގެ މައްޗަށް ބޮޑޫ މޮޅެއް ހޯދައިފިއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޕީއެސްޖީން ޗެލްސީގެ މައްޗަށް ކުރިހޯދީ 5-2 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްވިޗާ ކްވަރަޓްސްކޭލިއާ ވަނީ ދެ ލަނޑު ޖަހައި އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ.
މެޗުގެ 10 ވަނަ މިނެޓުގައި ބްރެޑްލީ ބާކޯލާ ވަނީ ޕީއެސްޖީއަށް ކުރިހޯދައިދީފައެވެ. މިއީ އޮސްމާން ޑެމްބެލޭ ނަގައިދިން ހުރަހަކުން ލިބުނު ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި މާލޯ ގުސްޓޯ ވަނީ ލަނޑެއް ޖަހައި ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑެމްބެލޭ ވަނީ އަލުން ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ.

Ad by Hajj Corporation
ދެވަނަ ހާފު ފެށިގެން 57 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ވަނީ ޗެލްސީއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެކަމަކު 74 ވަނަ މިނެޓުގައި ޗެލްސީގެ ކީޕަރު ޖޯގެންސަންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ވިޓީނިއާ ވަނީ ޕީއެސްޖީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހުކޮޅު ކްވަރަޓްސްކޭލިއާ ވަނީ ފުލުފުލުގައި ދެ ލަނޑު ޖަހައި ޕީއެސްޖީއަށް ބޮޑު މޮޅެއް ކަށަވަރުކޮށްދީފައެވެ.
މި މެޗުގައި ޕީއެސްޖީގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެންދިޔައެވެ. ބާކޯލާ ޖެހި ލަނޑަކީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހަށްފަހު އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. އަދި ކްވަރަޓްސްކޭލިއާ ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ފަސް ލަނޑުގައި (3 ލަނޑު، 2 އެސިސްޓް) އަމަލީގޮތުން ބައިވެރިވެފައެވެ.
ލިއަމް ރޮސެނިއާގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީއަށް ދެން ޖެހޭނީ އަންނަ އަންގާރަ ދުވަހު ސްޓެމްފޯޑް ބްރިޖުގައި ކުޅޭ ދެވަނަ ލެގުގެ މެޗުގައި ތިން ލަނޑުގެ ތަފާތު ފޫބައްދާށެވެ. ޕީއެސްޖީ މިވަގުތު އޮތީ ވަރަށް ވަރުގަދަ ކޮންޓްރޯލެއްގައެވެ.


